ކާޖޮލް އާއި ޓުވިންކަލްގެ ޝޯ ޕްރީމިއާކުރާ ތާރީޚު އިއުލާނުކޮށްފި

ކާޖޮލް އާއި ޓުވިންކަލްގެ ޝޯ "ޓޫ މަޗް"ގެ ފަހުގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ކަންނާ އެކީގައި ހޯސްޓުކުރާ ޓޯކް ޝޯ ޕްރީމިއާކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

"ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ މި ޓޯކް ޝޯ ޕްރީމިއާ ކުރަން ނިންމީ މި މަހުގެ 25ގައެވެ. އެއްވެސް ސްކްރިޕްޓަކާ ނުލާ ގެނެސްދޭ މި ޓޯކް ޝޯއަކީ އެއްވެސް ފިލްޓާއަކާ ނުލާ ބެލުންތެރިންނަށް ގެނެސްދޭ ވަރަށް ހެއްވާ މަޖާ ޝޯއަކަށްވާނެ ކަމަށް އެމެޒޯންއިން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރުގެ އަންހެނުން ކާޖޮލް އާއި ޓުވިންކަލް ފުރަތަމަ ފަހަރަށް އެކީގައި ހުށަހަޅައިދޭ މި ޝޯގެ މެހްމާނުންގެ ގޮތުގައި ފެންނާނީ މުނިފޫހިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އޭ-ލިސްޓު ތަރިންގެ އިތުރުން އެ ދާއިރާގެ ފަންނާނުންނެވެ.

ކާޖަލް އާއި ޓުވިންކަލްގެ ޝޯގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ޝޯގެ އެންމެ ފުރަތަމަ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި ބައިވެރިވާނީ ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި ބަތަލާ ޖާންވީ ކަޕޫރެވެ.

ކަރަން އަކީ ކާޖޮލް އާއި ޓުވިންކަލްގެ ވެސް ވަރަށް ގާތް މީހަކަށް ވުމުން މި އެޕިސޯޑަކީ ވަރަށް މަޖާ ކަރަންގެ ވަރަށް ގިނަ ކަންކަން ފަޅާއަރުވާލާނެ އެޕިސޯޑަކަށްވާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ނަމަވެސް އެކަން ޔަގީންވާނީ މި ޝޯގެ ޓްރެއިލާ އެމެޒޯންއިން ދައްކާލުމުން ކަމަށާއި އެ ތާރީޚަށް އިންތިޒާރުކުރާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

އަކްޝޭ އާއި ކައިވެނިކުރުމަށްފަހު ފިލްމީ ދާއިރާ ދޫކޮށް ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓުވިންކަލް ވަނީ މީގެކުރިން ވެސް ޔޫޓިއުބް މެދުވެރިކޮށް އަމިއްލަ ޝޯއެއް ގެނެސްދީފައެވެ.

ފިލްމީ ދާއިރާގައި މިހާރުވެސް އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ބަތަލާ ކާޖޮލް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 18 ވަނަ ދުވަހު ޖިއޯހޮޓްސްޓާއިން ޕްރީމިއާ ކުރާ ބަތަލާގެ ވެބް ސީރީސް "ދަ ޓްރައަލް"ގެ ދެވަނަ ސީޒަންއިންނެވެ.

comment ކޮމެންޓް