މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން އިއުލާނުކޮށްފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން 3"ގެ ޓީމަށް އެ ފްރެންޗައިސްގެ ކުރީގެ ފިލްމުތަކުން ފެނިފައިވާ ދެ އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާން ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ ލީޑް ރޯލުން އެކްޓަރު ރަންވީރު ސިންގް ފެންނާނެކަން ކަށަވަރުވެފައިވާއިރު ފިލްމުގެ ކާސްޓަށް އަމީތާބާއި ޝާހްރުކް ޚާން ގެނައުމުގައި ފަރުހާން ކާމިޔާބު ހޯދައިފިނަމަ އެއީ ފިލްމަށް ލިބޭނެ ''ޕްލަސް ޕޮއިންޓެއް'' ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
އެއީ ތިން ޖީލުގެ "ޑޮން" ކެރެކްޓާއިން އެއް ފިލްމަކުން ފެނުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބި ފިލްމު ތާރީޚުން ޖާގަ ހޯދުމުގެ އިތުރަށް ބޮކްސް އޮފީހުގައި ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޑޮން 3'ގެ ބަތަލާ ކިއާރާ އަދުވާނީ، އެކްޓަރު ރަންވީރު ސިންގް އަދި ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ފިލްމުފެއަ
ފަރުހާންގެ ފަރާތުން އަމީތާބަށާއި ޝާހުއަށް ފިލްމުން ހުށަހެޅި ފުރުސަތާ މެދު ދެ ތަރިން ވެސް ވިސްނަމުން އަންނައިރު ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމުމަށްފަހު އެކަން އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަމީތާބް އާއި ޝާހު، ފަރުހާންގެ ހުށަހެޅުން ގަބޫލުކޮށްފިނަމަ "ޑޮން 3"ގެ ސްކްރިޕްޓަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އިންޑިއާޓުޑޭގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ފިލްމު "ޑޮން 3"އަށް ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.
މި ފިލްމަކީ ޝާހު އާއި ޕްރިޔަންކާ ޗޯޕްރާ މުހިއްމު ރޯލް ކުޅުނު 2006ގެ "ޑޮން" އާއި 2013 ވަނަ އަހަރުގެ ފިލްމު"ޑޮން 2"ގެ ސީކުއަލްއެކެވެ. ރަންވީރާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.