ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން މިއަދު ނިންމައިފިއެވެ.
މަޖިލީހުގެ މެންބަރުންނަށް އިދާރީ މޭޒުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ, ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާތީ އަންނަ ހޯމަ ދުވަހު އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާގެ އެޖެންޑާ ފަހުން އާއްމު ކުރާނެ ކަމަށް ވެސް މެސެޖުގައިވެއެވެ.
މަޖިލީހުގެ ބައެއް މެންބަރުންނަށް ގުޅާލުމުން ވިދާޅުވީ އަންނަ ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަސައްކަތް ކުރާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ކުއްލި ޖަލްސާތަކެއް ބާއްވާ ސަބަބު އަދި ސާފު ނުވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 19 އިން ފެށިގެން އޮތީ ޗުއްޓީގައެވެ. ނަމަވެސް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިލާ ގުޅިގެން ދައުރުން ބޭރުން މިހާތަނަށް ވެސް ދެ ޖަލްސާއެއް ވަނީ ބާއްވައިފައެވެ. އަދި އެ ދެ ބިލުގެ މަސައްކަތަށް ގިނަ ކޮމެޓީތަކެއް ވެސް ވަނީ ބާއްވައިފައެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށް ލިބޭގޮތަށް އޮތް ބިލާ ދެކޮޅަށް ނޫސްވެރިންނާއި ސިޔާސީ މީހުން ހިމެނޭގޮތަށް އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވެސް ވަނީ އެ ބިލް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި އިއްޔެ އުޝާމް ވަނީ މީޑިއާ ބިލަށް 14 އިސްލާހެއް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ.