މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް އިމާރާތަކަށް ބަދަލުކޮށްފި

މިހާރު މާލެ ސިޓީ ކައުންސިލްގެ ހުރިހާ ޚިދުމަތްތަކެއް ލިބެމުން އަންނަ، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީގެ ހޯލު-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން، ރައްޔިތުންނަށް ދެމުން އަންނަ ހުރިހާ ޚިދުމަތްތަކެއް، އެއް އިމާރާތަކުން ލިބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.

މީގެ ކުރިން ސިޓީ ކައުންސިލުގެ އެކިއެކި ޚިދުމަތްތައް ދިނުމަށް މާލޭގެ އެކި ހިސާބުތަކުގައި ހުރި ނުވަ އިމާރާތެއްގައި އޮފީސްތައް ދިޔައީ ހިންގަމުންނެވެ.

ސިޓީ ކައުންސިލުން މިއަދު ބުނިގޮތުގައި މިހާރު މާލެ ސިޓީ ކައުންސިލްގެ ހުރިހާ ޚިދުމަތްތަކެއް ލިބެމުން ދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީގެ ހޯލުންނެވެ.

މި ބަދަލާ ގުޅިގެން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ނުވަ އިމާރާތަކުން ޚިދުމަތް ހޯދަންޖެހުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފަށް، މިހާރު މި ލިބިގެންދަނީ، ބޮޑު ލުޔެއް ކަމަށެވެ.

"ލޯތްބާއެކު، އުފަލުން ތިބެ، އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑު ފަށައިފައިވާ މަސައްކަތަށް މީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުން އެދޭ ފަދަ އަވަސް، އިޚުލާސްތެރި ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ރައްޔިތުން، މާލެ ސިޓީ ކައުންސިލް ބަލައިގަތުން. އަދި ރައްޔިތުން އުފަލުން ތިބެ ޚިދުމަތް ހޯދުމަށް އަންނަ ތަނަކަށް، މާލެ ސިޓީ ކައުންސިލް ބަދަލުވެގެން ދާނެ." ޢާޒިމް ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް: -- ފޮޓޯ/ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބުނީ ކާރޫބާރު ބޮޑު މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ އޮފީސްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ.

މި ބަދަލާއެކު އެއްތަނަކުން ލިބެން ފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް އަދި ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.

ސިޓީ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ވެސް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެ ގޮތުން މިހާރު ކޮންކްރީޓް މަސައްކަތުގެ، 60 އިންސައްތަ ނިމިފައިވާ މި އިމާރާތުގެ މަސައްކަތް، އަންނަ އަހަރު އެއްކޮށް ނިމުމުން، ރާއްޖޭގައި އޮތް އެންމެ ބޮޑު ކައުންސިލަށް، އަމިއްލަ ވަޒަނެއް ނެތުމުންގެ އުނިކަން، އަބަދުގެ އަބަދަށް ނެތިގެންދާނެ ކަމަށް، މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް