ގާނޫނުން ތަންނުދޭ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލުން އުފެއްދި 'ބިޑް އިވެލުއޭޝަން ކޮމިޓީ' އުވާލައިފި

އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގެ ތެރެއިން: އެޖަލްސާގައި ކުރި އެކުލަވާލާފައި އޮތް ކޮމިޓީއެއްގެ ވާހަކައިގައި ޖަލްސާ ހޫނުވި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލިއްޔަތު ގާނޫނުން ތަންނުދޭ ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލުން އުފެއްދި 'ބިޑް އިވެލުއޭޝަން ކޮމިޓީ' އިއްޔެ އުވާލައިފިއެވެ.

ސިޓީގެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއެއްގައި ކުރިން އޮތީ 'ޕްރޮޕޯސަލް ބިޑް އިވެލުއޭޝަން'ގެ ނަމުގައި ކޮމިޓީއެއް އުފައްދާފައެވެ. އެކޮމިޓީގައި ހިމެނެނީ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލާއި ހަތަރު ކައުންސިލަރެކެވެ.

އެގޮތަށް ހުށަހަޅައިގެން ކޮމިޓީ އުފައްދަން އޭރު އޮތީ ކައުންސިލް ޖަލްސާގައި ފާސްކޮށްފައެވެ.

އޭގެފަހުން، އިއްޔެ ބޭއްވި ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު, ގާނޫނުން ސިޓީ ކައުންސިލަށް ބިޑު އިވެލުއޭޝަން ކޮމިޓީ އުފައްދަން ތަނެއް ނުދޭ ކަމަށް ވިދާޅުވެ، ބިޑަށް ލަފާދޭ ކޮމިޓީއަކަށް ހެދުމަށް ހުށަހެޅުއްވިއެވެ.

މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތު ގަވައިދުގައި ބުނަނީ، އިންތިޚާބީ މަގާމުތަކާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން އެއްވެސް ތަނެއްގެ ބިޑު އިވެލުއޭޝަން ޓީމުގައި ހިމަނައިގެން ނުވާނެ ކަމަށާއި ކައުންސިލްތަކަށް އުފެއްދޭނީ ބިޑް އިވެލުއޭޝަނަށް ލަފާދޭ ކޮމިޓީއެއް ކަމަށެވެ.

ނަމަވެސް، ކޮމިޓީ އުވާލުމުގެ ބަދަލުގައި ކޮމިޓީގެ ނަން ބަދަލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވިއެވެ. އެގޮތުން، ކޮމިޓީގެ ނަމުގައި 'ބިޑު އިވެލުއޭޝަން ކޮމިޓީ' އޮތް ނަމަވެސް، އެ ކޮމިޓީން އެފަދަ މަސައްކަތެއް ނުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގެ ތެރެއިން: އެޖަލްސާގައި ކުރި އެކުލަވާލާފައި އޮތް ކޮމިޓީއެއްގެ ވާހަކައިގައި ޖަލްސާ ހޫނުވި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެހެން ވިދާޅުވެ، އެކޮމިޓީ އުވާލުމަށް މޭޔަރު ދެކޮޅު ހައްދަވާތީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ރައްދުދެއްވިއެވެ. ސައިފް ވިދާޅުވީ، ބިޑު ކަނޑާ މީހުންނަށް ކައުންސިލަރުން ވެގެންނުވާނެ ކަމަށެވެ.

ފުރަތަމައިނުން ބިޑު ކެނޑުމުގައި އަޅުގަނޑުމެން ބައިވެރިވުމަކީ މާލިއްޔަތު ގާނޫނާ ޚިލާފު ކަމެއް. އެހެންވީމަ އަޅުގަނޑު ތާއިދުކުރަން. ރިވާސްކުރަން ޖެހޭނެ މި ޕްރޮސެސް. މިހާރު މި އޮތްގޮތުން ފުރަތަމަ މި ބިޑު ކަނޑާ ބައްލަވާ އެކަންތަކުގައި މި ޝާމިލްވަނީ ކައުންސިލަރުންގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

އެހެންވެ، ސައިފް ވަނީ، ތަފާތު ޚިޔާލުގެ ކައުންސިލަރުން ހިމެނޭ ގޮތަށް ކޮމިޓީއަލުން އެކުލުމަކީ ބޭނުންތެރި ކަމަކަށްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެފަހުން، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ ކޮމިޓީގައި ތިއްބަވާނެ ކައުންސިލަރުންގެ ނަންތަކެއް ހުށަހަޅުއްވާފައެވެ. އެއީ:

  • ޑެޕިއުޓީ މޭޔަރު، މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް
  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރު
  • ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް
  • ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު
  • މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން ރަޝީދު
  • މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ލަތީފް
  • ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ

ސައިފްއާއި އިޝާން ތާއިދުކުރެެއްވި އެ ހުށަހެޅުމުގެ ކުރިން މޭޔަރު ވަނީ، ދެން އޮތް ޖަލްސާއަކަށް ހުރިހާ ޕާޓީއެއް ހިމެނޭގޮތަށް ކައުންސިލަރުންގެ ލިސްޓެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ހުށަހެޅުމަށް ވޯޓަށް އެހުމަށް މޭޔަރު ފުރަތަމަ ދެކޮޅު ހެއްދެވިއެވެ.

އެހެން މޭޔަރު ވިދާޅުވުމާ އެއްކޮށް، ބައެއް ކައުންސިލަރުން އަޑުގަދަކުރައްވަން ފެއްޓެވިއެވެ. އެކައުންސިލަރުން ވިދާޅުވަމުން ދިޔައީ، ހުށަހެޅުމެއް ލިބި، ތާއިދުލިބުމުން ވޯޓަށް އައްސަވަން ޖެހޭނެ ކަމަށެވެ.

އާޒިމް އޭރު ވިދާޅުވީ، ޑެޕިއުޓީ މޭޔަރު އަރީޝްއާ މަޝްވަރާކުރެއްވުމަށް ފަހު ނަންތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި، ކުރިން ކައުންސިލުން ގޯސްކޮށް ކަމެއް ނިންމާފައިވާނަމަ އެކަމެއް ފާހަގަކުރަން ޖެހޭނެ ކަމަށް މޭޔަރު ވިދާޅުވުމާ އެއްކޮށް ޖަލްސާ އިތުރަށް ހޫނުވިއެވެ.

އޭގެފަހުން މޭޔަރު ވޯޓަށް އެއްސެވުމުގެ އެލިސްޓުން ޑެޕިއުޓީ މޭޔަރުގެ ނަން ނެގުމަށް އަމިއްލަފުޅަށް އެދިވަޑައިގެންނެވިއެވެ. އެ ލިސްޓަށް އަރީޝްގެ ބަދަލުގައި އިތުރުކުރެއްވީ، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމުގެ ނަމެވެ.

އެގޮތުން، ނަހުލާގެ ހުށަހެޅުމާ އެއްގޮތަށް ބިޑަށް ލަފާދޭ ކޮމިޓީ އެކުލަވާލަން އަށް ކައުންސިލަރުންގެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް