މީގެ ކުރިން ފިލްމީ ދާއިރާއިން އެއްވެސް ވަރަކަށް ފެނިފައިނުވާ ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ އަންހެން ދަރިފުޅު ރިދިމާއަށް ފިލްމަކުން ފުރުސަތު ލިބުނީ އުންމީދު ވެސް ނުކޮށް ހުއްޓާ ކަމަށް އޭނާ ބުނެފިއެވެ.
ކުރީގެ މަޝްހޫރު ބަތަލާ ނީތޫ ކަޕޫރާ އަދި ރިދިމާގެ މަންމައާ އެކު މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމަކީ އާއިލީ ފިލްމެކެވެ. އިންޑިއާގެ ޝިމްލާގައި ބޮޑު ބައެއް ޝޫޓްކުރަމުން އަންނަ މި ފިލްމު ބިނާކޮށްފައިވަނީ ދެ މައިންގެ ވަރުގަދަ ގުޅުމުގެ މައްޗަށެވެ.
ނީތޫއާ އެކު ރިދިމާ ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށް ނިންމި ނިންމުމަކީ އެ އާއިލާގެ މެންބަރުންގެ ގުޅުން އިތުރަށް ވަރުގަދަކޮށްދިނުމަށް ހުޅުވުނު ދޮރެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ރިދިމާ މަންމަ ނިތޫ ކަޕޫރުއާ އެކު އަލަތު ފިލްމުގެ ޝޫޓިންގްތެރޭ--ފޮޓޯ/އިންޑިއާޓުޑޭ
މުޅިން ދެ ޖީލަކަށް ނިސްބަތްވާ ދެ މައިން އެކީގައި ފިލްމެއްގައި މަސައްކަތް ކުރަން ފަށާފައިވަނީ މަންމައާއި އަންހެން ދަރިފުޅުގެ ހައިސިއްޔަތުން ނޫން ކަމަށާއި ނަމަވެސް ދެ ކޯ-ސްޓާރުންގެ ގޮތުގައެވެ.
އިންޑިއާޓުޑޭއަށް ދިން އިންޓަވިއުއެއްގައި ރިދިމާ ފުރަތަމަ ޝޫޓިން ޝެޑިއުލްގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ، އެއީ ހަނދާނުން ނައްތާލަން ދަތި ތަޖުރިބާއެއް ކަމަށެވެ. އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ ވެސް މުހިއްމު ރޯލް ކުޅޭ މި ފިލްމުގެ ޝޫޓިންގްތެރޭ މަސައްކަތް ކުރިއިރު އިހުސާސްކުރެވުނީ ވަރަށް ބޮޑު އާއިލާއަކާ އެކު މަސައްކަތް ކުރާކަމުގެ އިހުސާސް ކަމަށް ރިދިމާ ވަނީ ބުނެފައެވެ.
އެ ފިލްމުން ފުރުސަތު ލިބުމުގެ މާ ކުރިން މަންމަ ނީތޫ ވަނީ ފިލްމުގެ ޕްލޮޓް ރިދިމާއާ ހިއްސާކޮށްފައި ކަމަށާއި އޭރު ރިދިމާއަށް ފިލްމުން ފުރުސަތު ނުލިބޭ ކަމަށް އެކްޓަރު ރަންބީރުގެ ކޮއްކޮ ވަނީ ބުނެފައެވެ.
އެހެންނަމަވެސް، އެއް ދުވަހަކު ކުއްލިގޮތަކަށް އެ ޕްރޮޑަކްޝަން ހައުސްއިން ރިދިމާއަށް ކޯލެއް ލިބުނު ކަމަށާއި ފިލްމުގައި ހިމެނޭ މަންމަ ނީތޫގެ ދަރިފުޅުގެ ރޯލް އެމީހުން ހުށަހެޅި ކަމަށް ދާދިފަހުން ރިއަލިޓީ ޝޯއަކުން ވެސް ފެނިފައިވާ ރިދިމާ ވަނީ ބުނެފައެވެ.
ފިލްމުގެ ޝޫޓިންގް 52 ދުވަސް ފަހުން ނިންމާލިއިރު އޭނާ އެނބުރި ނިއު ދިއްލީއަށް ދިޔައީ ވަރަށް ހިތްގައިމު އުފާވެރި ހަނދާންތަކާ އެކު ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދެވޭނެ ދުވަހަކަށް ރިދިމާ އިންތިޒާރުކުރާ ކަމަށް ވަނީ ބުނެފައެވެ.
ރިދިމާ އަލަށް ފިލްމީ ދާއިރާއަށް ތައާރަފުވާ މި ފިލްމުގެ ޓައިޓްލް ވެސް އިއުލާނުކޮށްފައިނުވާއިރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.