'މިރުޒަޕޫރު'ގެ ޓީމަށް އަބިޝޭކް

އިންޑިއާގެ އެކްޓަރު އަބިޝޭކް ބެނަޖީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އެމެޒޯން ޕްރައިމް ވީޑިއޯގެ މަގުބޫލު ވެބް ސީރީޒް "މިރުޒަޕޫރު"ގެ ވާހަކައަށް ބިނާކޮށް ހަމަ އެނަމުގައި ގެނެސްދޭ ފިލްމުގެ ކާސްޓާ އެކްޓަރު އަބިޝޭކް ބެނަޖީ ގުޅިއްޖެއެވެ.

ވަރަށް ވަރުގަދަ ކްރައިމް ވެބް ސީރީޒެއް ކަމަށްވާ "މިރުޒަޕޫރު"ގެ ފިލްމު "މިރުޒަޕޫރު، ދަ މޫވީ"އަށް އަބީޝޭކް ސޮއިކޮށްފައިވާއިރު އޭނާ ފެންނާނީ އެ ސީރީޒްގެ މަޝްހޫރު 'ކޮމްޕައުންޑަ'ގެ ކެރެކްޓާއިންނެވެ.

އަބީޝެކް ވަނީ 2018 ވަނަ އަހަރު އެމެޒޯން ޕްރައިމްއިން ގެނެސްދިން "މިރުޒަޕޫރު"ގެ ފުރަތަމަ ސީޒަންގައި ވެސް ހަމަ އެ ކެރެކްޓާ ކުޅެފައެވެ. އެހެންކަމުން އެ ސީރީޒްގެ ފިލްމުން ވެސް އަބީޝެކް ހަމަ އެ ކެރެކްޓާއިން ފެންނާނެކަން އިއުލާނުކުރުމާ އެކު އެކްޓަރުގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ އެކަމާ އުފާފާޅުކޮށްފައެވެ.

އަބިޝޭކް ފިލްމު "އިސްތިރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ހަމައެއާއެކު ފިލްމު "މިރުޒަޕޫރު"ގެ ކާސްޓަށް އަބީޝެކް ގެނައުމަކީ އެ ފިލްމު ބެލުމަށް ބެލުންތެރިން ވަރަށް ބޮޑަށް ޝައުގުވެރިވާނެ ކަމެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. އެ ސީރީޒްގައި އަބީޝެކް ކުޅުނު ރޯލަށް ފަހު ދެން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވަނީ "މުއްނާ ބައްޔާ" ކެރެކްޓާއަށެވެ. ނަމަވެސް، އެ ކެރެކްޓާ ފިލްމުގައި ހިމަނާފައިވާކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

"މިރުޒާޕޫރު: ދަ ފިލްމު"ގެ ނަމުގައި އުފައްދާ މި ފިލްމު ބޮޑު ސްކްރީނަށް ގެނައުމުގެ ތައްޔާރީތައްވަމުން އަންނައިރު ފިލްމުގެ ކާސްޓަށް ދާދިފަހުން ގެނައި ތަރިންނަކީ ހުނަރުވެރި އެކްޓަރު ރަވީ ކިޝަން، ޓެލެވިޒަން ސީރީސްތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު މޯހިރު މަލިކު އަދި ޖިތެންދުރަ ކުމާރެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ "މިރުޒާޕޫރު: ދަ ފިލްމު" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ތިއޭޓަރުތަކުން ފިލްމު ނެގުމަށްފަހު ސްޓްރީމިންގް ޕްލެޓްފޯމަށް ފިލްމު ދޫކޮށްލުމުގެ ޚިޔާލު ވެސް ގެންގުޅޭ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް