ދިރާގުން އިންތިޒާމްކޮށްގެން ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމްގެ ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.
ދިރާގުން ބުނީ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ބޭއްވި މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ، ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާއާއި މެދުއިރުމައްޗާއި ހުޅަނގު ވިލާތުގެ ގައުމުތައް ގުޅުވައިދޭ މަޝްރޫއެއް ކަމަށާއި، މި ކޭބަލް ސިސްޓަމްގެ ސަބަބުން ހަލުވި އިންޓަނެޓާއި ފެންވަރު ރަނގަޅު މުވާސަލާތީ ޚިދުމަތް އެތައް ބަޔަކަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން، މި އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާއާއި މެދުއިރުމައްޗާއި ވިލާތުގެ ގައުމުތަކުގެ މުހިންމު އިންޓަނެޓު އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ޚިދުމަތްތައް ރާއްޖެއަށް ލިބި، ޑިޖިޓަލް އިގުތިސާދަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ލިބޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.
ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ޚާއްސަ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
އިސްމާއީލް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގުތިސާދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ހިމެނޭ ބައެއް ކުންފުނިތަކަކީ ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް)، ބާރްތީ އެއާޓެލް ލިމިޓެޑް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް (އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ، ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން)އެވެ.