މާލޭގައި ހުންނަ ފޯކަސް ކޮމްޕިއުޓާސް ފިހާރައިން، މީގެ ތިން އަހަރުކުރިން، މެކްބުކް އެއާ ކޮމްޕިއުޓަރެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މިއީ 2022 ވަނަ އަހަރު ހިނގި ވައްކަމަކާ ގުޅޭ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މި ވައްކަމަކީ 2022 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު، މެންދުރު ފަހު، ފަރީދީމަގުގައި ހުންނަ ފޯކަސް ކޮމްޕިއުޓާސް ފިހާރައިން، ސ. ހިތަދޫ ބްލޫކްރެސްޓް ހުސެއިން ޝާހް ކުރި ވައްކަމަކެވެ. ދައުލަތުން ހުސެއިން ޝާހާ ދެކޮޅަށް އުފުލާފައިވަނީވެސް ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޝާހްވަނީ އޭނާ، މެކްބުކް އެއާއެއް ވަގަށް ނެގި ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ޝާހުގެ އިއުތިރާފާއެކު އޭނާގެ އަދަބުވަނީ އެއް ދަރަޖަ ލުއިކޮށްފައެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް އިއްވަން އޮތް ހުކުމަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފުވުމުން، އަދަބުގެ އެއް ދަރަޖަ ލުއިކޮށް، ޝާހުގެ މައްޗަށް އިއްވާފައިވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ. 17 ޖުލައި 2022 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މި މައްސަލަ ނިމުނީ އިއްޔެއެވެ. އެހެންކަމުން މި މައްސަލަ ކޯޓުން ނިންމުމަށް ތިން އަހަރަށްވުރެ ގިނަ ދުވަސްވަނީ ހޭދަވެފައެވެ.
މި މައްސަލައިގައި ޝާހް ވަގަށް ނެގި މެކްބުކް އެއާ ކޮމްޕިއުޓަރެއްގެ އަގަކީ ގާތްގަނޑަކަށް 1000 އެމެރިކާ ޑޮލަރެވެ.