ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމަށް ތަމްރީނެއް ފަށައިފި

މަގުމަތީގައި ފުލުހަކު: ފުލުހުން އަންނަނީ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަތުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ހިންގަމުން -- ސަން ފޮޓޯ/ މޫސާ ނަަދީމް

ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަތުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް މިއަދު މެންދުރުން ފެށިގެން އިރުއޮއްސެންދެން ކުރިއަށް ދާނެކަމަށް، ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އެ ޚިދުމަތުން ކުރިއަށް ގެންދާ ތަފާތު އެކި އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ބެލުމަށްޓަކައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގެ ފަހު ބުރު މިއަދު މެންދުރު1:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

ފުލުހުން ބުނީ، މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ދަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކަމަށެވެ.

އެކި އެކި އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަތުމަށާއި ފުލުހުންގެ ފިޓްނަސް ހުރީ ކިހާ މިންގަނޑެއްގައިތޯ ބެލުމަށްޓަކައި، އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ފުލުހުން އަބަދުވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގައެވެ.

ފާހަގަކުރެވޭ ގޮތުގައި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަތުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު، މީގެ ދެ ދުވަހެއް ކުރިން މާލޭގައި ފުލުހުން ވަނީ، ޝަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި އޮޕަރޭޝަނެއް ހިންގައިފައެވެ.

މި މައްސަލައިގައި އެކަކު ހައްޔަރުކޮށް، ހައްޔަރުކުރި މީހާގެ އިތުރުން ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގަށް ފުލުހުން ވަނީ އަތުލައިފައެވެ.

comment ކޮމެންޓް