ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ފުލުހުން ތުހުމަތު ކުރި، ވެރިކަންކުރާ ޕީއެންސީގެ ކައުންސިލް މެމްބަރުކަން ކޮށްފައިވާ ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހިމް ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައިވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޝަހީބު އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝަހީބު ބަންދުގައި ބަހައްޓައިގެން މާދަމާ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
130 ކިލޯގެ ޑުރަގުގެ މައްސަލަ
ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް މަސް ދޯންޏަކުން ފުލުހުން ވަނީ 130 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ.
އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، އެ މަސް ތެރޭގައި ފުލުހުން ހަތް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ.
އޭގެ ތެރެއިން ޝަހީބް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ވަނީ ދޫކޮށްލައިފައެވެ.
އެ ދެ މީހުން ދޫކޮށްލި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެ މީހުންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭގެ ކުރިން ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެކަމަށެވެ. އެހެންކަމުން ދައުލަތުން އެކަންކޮށްފައި ނުވާތީ ބޭސްފަރުވާއަށް އެ ދެމީހުން ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.