ރަހީނުން މިނިވަންކޮށް ހަނގުރާމަ ހުއްޓާލުމަށް އޮތް ހުރަހަކީ ނަތަންޔާހޫ: އަސީރުންގެ ފޯރަމް

އަސީރުން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުން. ފޮޓޯ/ގެޓީ

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށާއި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އޮތް ހުރަހަކީ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް އަސީރުން މިނިވަންކުރުމަށް މަސައްކަތްކުރާ އިސްރާއީލުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ މިދިޔަ ހަފުތާގައި އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ ސުލްހައަށް އެއްބަސްވާން އުޅޭ ކޮންމެ ފަހަރަކު ނަތަންޔާހޫ ގަސްތުގައި އެކަން ހުއްޓުވާކަން އެނގޭ ކަމެއް ކަމަށެވެ.

ގަތަރުގައި އުޅޭ ހަމާސްގެ ލީޑަރުން "ނައްތާލުމުން" ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

"ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއިން ޝައްކެއްވެސްނެތްގޮތުގައި ސާބިތުވަނީ ރަހީނުކުރި 48 މީހުން އަނބުރާ ގެންދިއުމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތް އެއް ހުރަހަކީ ބޮޑުވަޒީރު ނަތަންޔާހޫ ކަން،" އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ނަތަންޔާހޫގެ އެކަން ދިގު ދެންމުމުގެ ސަބަބުން 42 ރަހީނުންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި ކިރިޔާ ދިރިތިބި އިތުރު ރަހީނުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

ޣައްޒާ ސިޓީގައި ތިބި ފަލަސްތީނުގެ އާންމުން ޣައްޒާގެ ދެކުނަށް ބަދަުވާން ފައިމަގުގައި ހިނގަނީ. ފޮޓޯ/އޭޕީ

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ 251 މީހަކު އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މީގެ ކުރިން ހަމަލާތައް މެދުކަނޑާލި އެއްބަސްވުންތަކުގެ ދަށުން މިނިވަންކޮށްފައި ވާއިރު، އަދިވެސް 47 މީހަކު ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާ ސިޓީއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ އިމާރާތްތައް ސުންނާފަތި ކޮށްފައެވެ.

އަދި އެއްގަމު މަގުން ހަމަލާއެއް ދޭނެ ކަމަށާއި، އެ ސަރަހައްދުގެ ހުރިހާ ރައްޔިތުން ތަން ދޫކޮށް ދިއުމަށް ވެސް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ.

އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް)އިން އިއްޔެ ބުނި ގޮތުގައި ގާތްގަނޑަކަށް 250،000 މީހުން ވަނީ ޣައްޒާ ސިޓީ ދޫކޮށް ދެކުނަށް ބަދަލުވެފައެވެ.

ޣައްޒާ ސިޓީ ހިފުމަށް ނަތަންޔާހޫ ރާވާފައިވާ ޕްލޭނަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ބަނޑުހައިހޫނުކަން އިއުލާންކޮށްފައިވާ އެ ސަރަހައްދުގައި އަސްކަރީ ހާލަތު ގޯސްވުމުން އާންމުންގެ ހާލަތު މިހާރަށްވުރެ ގޯސްވާނެ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް