ގްރީން ޒޯންގައި ހެދި މީޑިއާ ފެންޑާ، އިގުރާރާ ޚިލާފުވުމުން ކަމަށް ބުނެ ބަންދުކޮށްފި

މީޑިއާ ފެންޑާ ހުޅުވުން: ގްރީން ޒޯންގައި ހެދި މީޑިއާ ފެންޑާ، އިގުރާރާ ހިލާފުވުމުން ކަމަށް ބުނެ ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ގްރީން ޒޯންގައި ހެދި މީޑިއާ ފެންޑާ، އުސޫލާ ޚިލާފަށް ބޭނުންކުރަމުންދާ ކަމަށް ބުނެ ރައީސް އޮފީހުން މިއަދު ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ވަނީ، "މީޑިއާ ފެންޑާ" އަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްސަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ގޮތުގައި، މިދިޔަ މެއި މަހުގެ 29ގައި ޤާއިމުކޮށްފައިވާ ތަނެެއް ކަމަށެވެ.

އެ ފެންޑާ ހުޅުވައި، ބޭނުންކުރުމުގައި އަމަލު ކުރަންވީ އުސޫލު، އެ ތާރީޚުގައި، ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާއްމުކޮށްފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުސޫލުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށް ރައީސް އޮފީހުން ތުހުމަތުކުރިއެވެ.

"އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ދަނީ ކުރަމުންނެވެ." ރައީސް އޮފީހުގެ އިއުލާނުގައިވެއެވެ.

ނޫސްވެރިންގެ ފެންޑާގައި ދެ މިނިސްޓަރުން ނޫސްވެރިންނާ ބައްދަލުކުރެއްވުން: އެ ފެންޑާގައި ވެސް ނޫސްވެރިން މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާކުރި ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި އާއްމު މަސްލަޙަތު ގެއްލޭ، އަދި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ."

އެ އޮފީހުން ބުނީ، ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމަށެވެ.

އެހެންވެ، ނޫސްވެރީންނަށް އެހެން ގޮތެއް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީޑިއާ ފެންޑާ އުވާލިއިރު، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް، ސަރުކާރާ ގާތް އަމިއްލަ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅި އެ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކޮށް، އެ މުޒާހަރާތައް ނޫސްވެރިންގެ ފެންޑާގައި ވެސް ކުރިއަށްގެންގޮސްފައިވެއެވެ.

comment ކޮމެންޓް