ރަޝިޔާއަށް ފިޔަވަޅު އަޅާނީ ނޭޓޯއިން އެ ގައުމުގެ ތެޔޮ ގަތުން ހުއްޓާލުމުން: ޓްރަމްޕް

އެެމރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ނޭޓޯއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފިނަމަ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތައްޔާރު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި، ފޮޓޯ/ރޮެއިޓާސް

ނޭޓޯގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައި ވަކި ޝަރުތުތަކެއް ފުރިހަމަކޮށްފިނަމަ، ރަޝިޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އެ މަނިކުފާނުގެ ޓްރޫތް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ތަކުރާކޮށް ވިދާޅުވި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވެއެވެ. އެކަމާ ރަޝިޔާއިން ވެސް ސަމާލުކަން ދީފައިނުވާކަން ފާހަގަކުރެވެއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެއީ ރަޝިޔާގެ މައްޗަށް އޮތް ބާރު ބަލިކަށިވާނެ ކަމެއް ކަމަށެވެ.

ރަޝިޔާއިން ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އިންޑިއާ މުދަލުން 50 ޕަސަންޓް ޓެރިފް ނަގަން ފަށާފައެވެ.

ރަޝިޔާގެ ހަކަތައިގެ ބާވަތްތައް ގަތުން ހުއްޓާލުމަކީ، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް ބޮޑު އެހީއަކަށް ވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ޔޫރަޕުން ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު ރަޝިޔާއިން އީޔޫއަށް އެތެރެކޮށްފައިވަނީ އޭގެ ކުރިއާ އަޅައިބަލާއިރު ގާތްގަނޑަކަށް 45 ޕަސަންޓް ގޭހެވެ. އެ އަދަދު މިއަހަރު 13 ޕަސަންޓަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.

ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާގެ ޑްރޯންތަކެއް ޕޮލެންޑުގެ ވައިގެ ސަރަހައްދަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނުމާ ގުޅިގެން، ނޭޓޯގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ގޯސްވެ، ހިތްހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހަފްތާގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވެސް ވަނީ ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައި ރަޝިޔާއާއެކު އެއްވެސް އެއްބަސްވުމެއް ނުހެދުމަށް ޔޫރަޕްގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ ގައުމުތަކުން ރަޝިޔާގެ ތެލާއި ގޭހަށް ގާތްގަނޑަކަށް 210 ބިލިއަން ޔޫރޯ (182 ބިލިއަން ޕައުންޑް) ޚަރަދުކޮށްފައިވާ ކަމަށް ތިންކް ޓޭންކް ސެންޓާ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ އިން ބުނެއެވެ.

comment ކޮމެންޓް