ލަންޑަން (15 ސެޕްޓެމްބަރު 2025) : އިސްރާއީލުގެ އަސްކަރިއްޔާއަށް ނިސްބަތްވާމީހުން އިނގިރޭސިވިލާތުގެ މަޝްހޫރު އަސްކަރީ ކޮލެޖް ކަމަށްވާ "ރޮޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީސް" ގައި ކިޔެވުމާއި ތަމްރީނު ހެދުން މަނާކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ބައެއް މީޑިއާ ރިޕޯޓްތަކާއި އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔެދިއޮތް އަހުރަނޮތް" ބުނިގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ނިސްބަތްވާމީހުން "ރޮޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީސް" އަށް ނުވައްދަން އެކޮލެޖުން މިހާރުވަނީ ނިންމާފައެވެ.
އެގޮތަށް ނިންމީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކާއި ބަނޑަށް ޖެއްސުމުގެ ޖަރީމާތަކަށް އަދަބު ދިނުމުގެ ގޮތުންނެވެ. "ރޮޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީސް" އަކީ އިނގިރޭސި ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ވިންސްޓޮން ޗާޗިލް ގެ ވިޝަން ނުވަތަ އޭނާގެ ތަސައްވުރާ އެއްގޮތަށް 1927 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އުފެއްދި އަސްކަރީ އިލްމާއި ދިފާއީ ރީސާޗްތަކަށް ޚާއްސަ ކޮލެޖެކެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ
މިކޮލެޖްގެ ތައުލީމާއި ތަމްރިން ބިނާކޮށްފައިވަނީ އަސްކަރީ އަދި ދިފާއީ ތައުލީމާއި ތަމްރީނުގެ އިތުރުން ގައުމީ އަދި ބައިނަލްއަގްވާމީ ސަލާމަތާބެހޭ މައްސަލަތަކަށާއި ސްޓްރެޓީޖިކް ޑިވެލޮޕްމެންޓްއާ ބެހޭ ކަންކަމުގެ މައްޗަށެވެ. މިއީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އަސްކަރީ އެކަޑެމީއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔެދިއޮތް އަހުރަނޮތް" ބުނިގޮތުގައި އިސްރާއީލު ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގައި ހިމެނޭ އޮފްސަރުން ލެވެލްގެ އެތަށް ބަޔަކީ އިނގިރޭސިވިލާތުގެ "ރޮޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީސް" އިން ތައުލީމާއި ތަމްރީނު ހޯދައިގެން ތިބި މީހުންނެވެ.
އެ ކޮލެޖުން ތައުލީމާއި ތަމްރީން ހޯދުން އިސްރާއީލުގެ ދަރިވަރުންނަށް މަނާކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް އިސްރާއީލުގެ ހަނގުރާމައާބެހޭ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް އަމީރު ބަރުއާމް އާ ހަވާލާދީ "ޔެދިއޮތް އަހުރަނޮތް" ބުނެއެވެ. ބަރުއާމް އަކީވެސް މި ކޮލެޖުން ދަސްވެނި ވެފައިވާ މީހެކެވެ.
އޭނާ ބުނިގޮތުގައި އިސްރާއީލުން ޣައްޒާގައި މަރަނީ ހަމާސްގެ ހަނގުރާމަވެރިންނެވެ. ޣައްޒާގެ އާންމުންނެއް ނޫނެވެ. އަނެއްކޮޅުން އީރާނާއި ޔަމަންގެ ހޫޘީން ނަކީވެސް "ޓެރަރިސްޓުން" ނެވެ. އޭނާ ބުނިގޮތުގައި "ޓެރަރިސްޓުން" ނަށް ނިއުކްލިޔާ ބާރުވެރިކަން ލިބުނު ނުދިނުމަށްޓަކައި އިސްރާއީލު ބޮޑު ގުރުބާނީ އެއްވަމުންދާއިރު އިސްރާއީލާ ދެކޮޅަށް މިފަދަ ފިވަޅުތައް އެޅުމަކީ އޭގެ ގެއްލުން ޚުދު އިނގިރޭސިވިލާތަށްވެސް ލިބިގެންދާނެ ކަމެކެވެ.
"ޔެދިއޮތް އަހުރަނޮތް" ބުނިގޮތުން މިމައްސަލާގައި އިސްރާއީލުގެ ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ވަރަށް ހަރުކަށި ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި އިނގިރޭސިވިލާތުގެ މިއަމަލަކީ ހަމާސް ޖަމާއަތާއި ހޫޘީންނާ އަދި އީރާނުން ހިންގާ "ޓެރަރިސްޓް" ހަރަކާތްތަކަށް ވާގިވެރިވުންކަމަށް ވަނީ ސިފަކޮށްފައެވެ. އިސްރާއީލު ސިފައިންނަކީ އެމެރިކާއާއި ޔޫރަޕްގެ ދިފާއުގައި އިސްލާމީ ހަރުކަށިކަމާ ދެކޮޅަށް ފުރާނައަށް ބެލުމެއްނެތި ހިއްވަރާއެކު ފްރަންޓް ލައިންގައި ހަނގުރާމަކުރާ ބައެއްކަމަށްވެސް އެސިޓީގައި ވަނީ ސިފަކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނަައްތާލުމުގެ ޖަރީމާ
ހުޅަނގުގެ ދިފާއުގައި އިސްރާއީލު ސިފައިން މި"ނުބައި" ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރާއިރު އިސްރާއީލަށް މިފަދަ އަދަބެއް ދިނުމަކީ އިސްރާއީލު ނިކަމެތިކޮށް އީރާނާއި ހޫޘީން އަދި ހަމާސްގެ "ބާތިލް" ނެރެޓިވްތަކަށް ފުރުސަތު ދިނުމަށް އިނގިރޭސިވިލާތުން ކުރި ކަމެއްގެ ގޮތުގައިވެސް އިސްރާއީލުން ފޮނުވި ސިޓީގައި ވަނީ ފާހަގަ ކޮށްފައިކަމަށް "ޔެދިއޮތް އަހުރަނޮތް" ބުނެއެވެ.
އިސްރާއީލު ވަނީ ޣައްޒާގައި 70 ހާހަށް ވުރެގިނަ އާންމުން ޝަހީދުކޮށް ދޮޅު ލައްކައަށް ވުރެގިނަމީހުން ޒަޚަމްކޮށް ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށްލާފައެވެ. މީގެއިތުރުން އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުން ކާބޯތަކެތިން މަހުރޫމްކޮށް އެމީހުން ގަސްދުގައި ބަނޑަށް ޖައްސައިގެންވެސް މަރަމުންނެވެ.
އިސްރާއީލުން ކޮންމެ ދުވަހަކު ޣައްޒާގެ 70 އެއްހާ އާންމުން ޝަހީދުކޮށްލާއިރު އާއިލާތައް ހުރިހުރި ގޮތަށް ޝަހީދުކޮށްލައެވެ. މައިން ބަފައިން ޝަހީދުކޮށްލުމުގެ ސަބަބުން ޣައްޒާގެ 20 ހާހަށް ވުރެގިނަ ތުއްތު ކުދިން ވަނީ ޔަތީމްވެ އާޅާނާލެ މީހަކު ނެތިފައެވެ. އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ދުވާލެއްގެ މައްޗަށް ޣައްޒާގެ ދިހަވަރަކަށް ކުދިން ގެ އަތްފައި ބުރިވެ ނުކުޅެދޭ މީހުންނަށް ވެގެންދެއެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ނާޒީ ޖަރުމަނުން ދެވަަނަ ބޮޑު ހަނގުރާމައިގާ ހިންގި ހޮލޮކޯސްޓަށް ވުރެވެސް ލާއިންސާނީ ޖަރީމާ ތަކެއްކަމަށް ޣައްޒާގެ އާންމުންގެ ވޭންތައް ލޮލުން ފެނިފައިވާ ފަރާތްތަކުން ސިފަކުރެއެވެ.
އިސްރާއީލުގެ އަނިޔާވެރިކަން ހައްދު ފަހަަނަޅައި ދިއުމުން އެމެރިކާއާއި ޔޫރަޕް ހިމެނޭގޮތަށް މުޅި ދުނިޔޭގައިވެސް އިސްރާއީލާ އިދިކޮޅު ޝުއޫރުތައް ފާޅުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ކުރިން އިސްރާއީލަށް ފާޑުކިޔުމަކީ ޔޫރަޕާއި އެމެރިކާގައި ކުރަންކެރޭ ކަމެއް ނޫނެވެ. އަނެއްކޮޅުން ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވާލުމަށްޓަކައި ޒަމާނުއްސުރެ އިސްރާއީލުން ގެންގުޅުނު ދޮގު ނެރެޓިވް ގެ ހަގީގަތްވެސް މިހާރުވަނީ ބޭޒާރުވެފައެވެ. އަދި އިސްރާއީލުގެ ނުބައިކަމާއި އަނިޔާވެރިކަން މުޅި ދުނިޔެއަށްވަނީ ހާމަވެގެންގޮސްފައެވެ.
ޣައްޒާގެ އާންމުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގުމުގެ އިތުރުން އިސްރާއީލު ގެންދަނީ ސޫރިޔާ ލުބްނާން އަދި ގަތަރަށާއި ޔަމަނަށްވެސް ޓެރަރިސްޓް ހަމަލާތައްދީ އެގައުމުތަކުގެ އާންމުން މަރަމުންނެވެ. ސްޕެއިން އާއި އަޔަލޭންޑް އަދި ނޯވޭ އާއި ބެލްޖިޔަމް ފަދަ ގައުމުތަކުންވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ޔޫރަޕްގެ އިއްތިޙާދުންވެސް އިސްރާއީލުގެ ޖަރީމާތަކާއި ޓެރަރިޒަމާ އަޅާނުލައި އޮތުމަށްފަހު މިހާރުވަނީ އިސްރާއީލާ ދެކޮޅަށް ބައެއް އާދައިގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެތެރޭގައި ބައެއް ދާއިރާތަކުން އިސްރާއީލު ބޮއިކަޓް ކުރުމާއި އިސްރާއީލުގެ ބައެއް ވަޒީރު ޔޫރަޕަށް އެރުން މަނާކުރުމާއި އިސްރާއީލުގެ ބައެއް އެސެޓްތައް ފްރީޒް ކުރުން ހިމެނެއެވެ.
ނަމަވެސް ޔޫރަޕާއި އެމެރިކާ އަދިވެސް މައިގަނޑު ގޮތެއްގައި އޮންނަނީ އިސްރާއީލުގެ ޖަރީމާތަކަށް ލޯމަރާލައިގެންނެވެ. ޔޫރަޕް މައިގަނޑު ގޮތެއްގައި އަދިވެސް އޮތީ އިސްރާއީލުގެ ޖަރީމާތަކުގެ ދިފާއުގައެވެ. ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ގައުމުތަކަކީ އެމެރިކާ، ޖަރުމަނު އަދި އިނގިރޭސިވިލާތެވެ.