ޑިމޮކްރަސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއް ނޫން: އަބްދުއްރަޙީމް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: -- ފޮޓޯ/ މަޖިލީސް

ޑިމޮކްރަސީއަކީ ހިތުހުރި އެއްޗެހި ގޮވައި، ލިޔެ, ހިތަށް އެރިހާ ކަމެއްކުރުން ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ, ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މެންބަރުންގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަން ޔަގީންކުރައްވާ ކަމަށެވެ.

ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމީ ކަންކަމުގައި ގައުމުގެ މަސްލަހަތު އިސްކުރައްވައި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރެއްވުމަކީ ރާއްޖެ މި ކުރަމުންދާ ޑިމޮކްރަސީގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުމަކީ ކަންކަން ކާމިޔާބުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް، އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ: އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރަސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއް ނޫން -- ފޮޓޯ/ މަޖިލިސް

"އެހެންނަމަވެސް އެ ޚިޔާލު ތަފާތުވުން ވެގެން ނުވާނެ އަޅުގަނޑުމެން ބަލައިގަނެގެން ތިބި ޑިމޮކްރަސީއާ ދިމާ ދުރަށް ދެވޭ ދެވުމަކަށެއް، ހަމަ އެގޮތަށް ޑިމޮކްރަސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއްނޫން، ހިތަށް އެރިހާ ކަމެއް ކުރުމެއްވެސް ނޫން، ހިތަށް އެރިހާ އެއްޗެއް ލިއުމެއްވެސްނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެއާއެކު، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ގަބޫލުކޮށް، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޑިމޮކްރަސީއަށް ކުރާ ދަތުރު ކާމިޔާބުކަމާއެކީ ފުރިހަމަ އަމާޒަށް ވާސިލްވުމަށް މަސައްކަތްކޮށްދިނުމަށް މެންބަރުންގެ އަރިހުން އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކޮށް، އެކި ކަހަލަ ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހަންޖެހޭ ކަމަށް ލިޔުއްވައިފައެވެ.

comment ކޮމެންޓް