ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަހަދާ އޮއްވާ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެން، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް ބިލު މިއަދު ތަޅުމުން ފާސްކޮށްފިއެވެ.
ޖަލްސާއެއް މިއަދު އޮންނާނެކަން އިއްޔެ އިއުލާނުކޮށްފައި އޮތުމުން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ހެނދުނުން ފެށިގެން މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ. އެ ނޫސްވެރިން ހިމެނޭ ޖުމުލަ 151 ނޫސްވެރިއަކު ވަނީ ކޮންޓްރޯލް ބިލާ މެދު ނުރުހުން ފާޅުކޮށް، އެ ބިލު ބޭރުކޮށްލަން ގޮވާލައި ޕެޓިޝަނެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.
ބިލުގެ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެ އިސްލާހު ހުށަހެޅުއްވިއެވެ. އެކަމަކު، އޭނާ ނަން އިއްވާފައިވުމުން އެ އިސްލާހުތައް ބަލައެއް ނުގަތެވެ. ބިލަށް ތަޅުމުގައި އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ހުށަހެޅުއްވި ހަތަރު އިސްލާހު ވެސް ބައިވެރިވި އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެހެންވެ، އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއި ތަޅުމުގައި ގެނައި ހަތަރު އިސްލާހާ އެކު މީޑިއާ ކޮންޓްރޯލް ބިލު ތަޅުމުން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ. އެއީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވާ ތަޅުމުން ވަނީ ނެރެފައެވެ. އެއަށް ފަހު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ކޮމިޓީން ފާސްކުރި ގޮތަށް މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފައެވެ.
ބިލު ފާސްކުރީ، އެ ބިލާ ދެކޮޅު ހަދަން ނޫސްވެރިން މަޖިލީސް އިދާރާ ހުންނަ ސަރަހައްދުގައި އިހުތިޖާޖު ކޮށްކޮށް އޮއްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 151 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ.
ބިލަށް ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތައް:
- ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުން
- ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާ ގޮތަށް އޮތް މާއްދާ، ކޮމިޝަންގެ ވޯޓަކުން އައްޔަންކުރާ ގޮތަށް ބަދަލުކުރުން
- އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން
- ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުން
- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުން
- މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން
- ހަގީގަތާ ހިލާފު ލިޔުމެއް ޝާއިއުކޮށްފި ނަމަ އެ އިސްލާހުކުރަން ނުވަތަ ޖަވާބަކަށް އެދުމުގެ ފުރުސަތު، އެ ކަމުން އަސަރުކުރާ ފަރާތްތަކަށް ފަހިކޮށްދިނުން
ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.
ކޮމިޓީން ގެނައި ބައެއް އިސްލާހުތައް މެންބަރުން ހިއްސާކުރި ނަމަވެސް ފާސްކުރި ބިލު މިހާތަނަށް ހާމަކޮށްފައިނުވާތީ ބިލު މިހާރު އޮތްގޮތެއް ނޭނގެއެވެ.
އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ފާސްކުރި ގޮތުގެ ރިޕޯޓު، މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފަޔާ އެކު މިއަދު ފާސްކުރީ ވެސް މެންބަރުންނަށް ކިޔާލަން ފުރުސަތު ނުދީއެވެ. ހަމައެކަނި ސްކްރީނުން ރެކޮމެންޑޭޝަންތައް ދައްކާލިއެވެ. އެއަށް ފަހު، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ރެކޮމެންޑޭޝަންތައް ކިޔާލަން ދޭން އެދިފައެވެ. އެކަމަކު، އެ ފުރުސަތު ނުދީ ކޮމިޓީން ވަނީ ބިލުގެ ރިޕޯޓު ފާސްކޮށްލާފައެވެ.
ބިލާ ގުޅޭ ގޮތުން ނޫސްވެރިން ފާހަގަކޮށްފައިވާ ބައެއް ބޮޑެތި ކަންބޮޑުވުންތައް:
- މީޑިއާތައް ބަންދުކުރެވޭ ގޮތަށް އޮތުން
- ވަކިވަކި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭގޮތަށް އޮތުން
- ވަކި ސިޔާސީ ފިކުރަކަށް ބުރަނުވެވޭނެ ކަމަށް ބަޔާންކޮށްފައި އޮތުން
- ވަރަށް ފުޅާކޮށް މާނަކުރެވޭ ގައުމީ ސަލާމަތް ދަމަހައްޓަން ޖެހޭނެ ކަމަށް ތަފުސީލެއް ނެތި އޮތުން
- ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއަރުވަން ޖެހޭނެ ކަމަށް އޮތުން
- ތަފުސީލެއް ނެތި، އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރަން ޖެހޭނެ ކަމަށް އޮތުން
- ހަގީގަތާއި ހަގީގަތުގެ މައްޗަށް މީހަކު ފާޅުކުރާ އަމިއްލަ ޚިޔާލާ ދެ ކަންތައް ތަފާތުކޮށް އެނގޭ ގޮތަށް ފާހަގަކުރުން [ބައެއް ފަހަރު ހަގީގަތް އޮޅުވާލާފައި އޮންނާތީ]
- އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ވަކި ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭ ގޮތަށް އޮތުން
މީގެ އިތުރުން ވެސް ބިލުގައި ހުރި ބައެއް މާއްދާތަކަކީ ވަރަށް ފުޅާ މާނައެއް ނެގިދާނެ އަދި ސިޔާސީ ނިޔަތެއްގައި ބޭނުންކުރެވިދާނެ މާއްދާތަކަކަށްވުމުން ނޫސްވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރާ ބޭރުގެ ޖަމިއްޔާތަކާއި ރާއްޖޭގައި މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ބިލަށް ޚިޔާލު ދިން ހުރިހާ މީޑިއާއަކުން ވެސް ވަނީ ބިލުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އެއް މީޑިއާ ނޫން އެހެން ހުރިހާ މީޑިއާއަކުން ވަނީ ބިލު ބޭރުކޮށްލަން ވެސް ގޮވާލާފައެވެ.