ޝާހިދުގެ އިންޒާރު: މީޑިއާތައް ހުއްޓުވަން އުޅުނު އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅެއް ނޫން

މީޑިއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޝާހިދާއި ފައްޔާޒު: މީޑިއާތައް ހުއްޓުވަން އުޅުނު އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅެއް ނޫން ކަމަށް ޝާހިދު ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު މީޑިއާ ބިލް ފާސްކުރުމާ ގުޅިގެން، ދުނިޔޭގެ ތާރީޚަށް ބަލާއިރު، މީޑިއާތަކުގެ އަޑު ކަނޑުވާލަން އުޅުނު އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިންޒާރު ދެއްވައިފިއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަމުން އަންނައިރު، އެމްޑީޕީން ވެސް ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ.

އެ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މީކާއީލް ނަސީމް ވަނީ، ބިލަށް އިސްލާހުތަކެއް ހުށަހަޅުއްވައި ބިލާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

މިއަދު ބިލް ފާސްކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރުމުން، އޭގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުން ބޭރުކުރިއެވެ. އޭގެ ތެރޭގައި މީކާއިލް ވެސް ހިމެނިވަޑައިގަތުމުން، އޭނާ ބިލަށް ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓަށް އަހައިފައިނުވެއެވެ.

ޕީއެންސީން އެ ބިލް ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ.

އެ ބިލް ފާސްކުރި ފަހުން ވެސް އެމްޑީޕީން އަންނަނީ މަގުމަތީގައި އިހުތިޖާޖު ކުރަމުންނެވެ.

އެ ބިލާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުން މިއަދު ގަދަބާރުން މީޑިއާ ބިލް ފާސްކޮށް، މިނިވަންކަމުގެ މައްޗަށް ބިރުވެރިކަން އިސްކޮށްފައިވާ ކަމަށެވެ. އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމުގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ ނޫސްވެރިންގެ އަޑު ކަނޑުވާލާ ސަރުކާރަކީ، ހަގީގަތާ ކުރިމަތިލާން ނުކެރޭ ސަރުކާރެއް ކަމަށެވެ.

"ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، ސަރުކާރުން އުޅެނީ، ސަރުކާރު ޖަވާބުދާރީކުރުވާ އަޑުތައް ކަނޑުވާލަން،" ޝާހިދު ލިޔުއްވާފައިވެއެވެ.

މިނިވަން މީޑިއާއާއެކު އެމްޑީޕީ އޮތްކަން ހާމަކުރައްވައި އޭނާ ވިދާޅުވީ، މީގެ ކުރިން މީޑިއާތައް ހުއްޓުވަން މަސައްކަތްކުރި ސަރުކާރުތަކަށް ވީގޮތް ވަރަށް ސާފު ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ، މީޑިއާ ބިލާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވައިފައެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެބިލަކީ ދިވެހީންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް ގުރުބާންވި އެކްޓިވިސްޓުންނަށް ވެވޭ އިހާނާތެއް ކަމަށެވެ.

އޭނާ ވަނީ، ބިލާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ބައިވެރިވެ، ގައުމުގެ މުސްތަގްބަލަށް ޓަކައި ތެދުވުމަށް ގޮވާލައްވާފައެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ، ބިލުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ކަންތައްތަކަށް އިސްލާހުތަކުން ހައްލު ހޯދައިދީފައިވާ ކަމަށް ބުނެއެވެ.

ބިލަށް ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތައް:

  • ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުން
  • ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާ ގޮތަށް އޮތް މާއްދާ، ކޮމިޝަންގެ ވޯޓަކުން އައްޔަންކުރާ ގޮތަށް ބަދަލުކުރުން
  • އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން
  • ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުން
  • ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުން
  • މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން
  • ހަގީގަތާ ހިލާފު ލިޔުމެއް ޝާއިއުކޮށްފި ނަމަ އެ އިސްލާހުކުރަން ނުވަތަ ޖަވާބަކަށް އެދުމުގެ ފުރުސަތު، އެ ކަމުން އަސަރުކުރާ ފަރާތްތަކަށް ފަހިކޮށްދިނުން

ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ އިތުރު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.

comment ކޮމެންޓް