ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން 28 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، 28،782،000 ރުފިޔާއަށް ފަލާހް، ހުޅުމާލޭ ދެވަނަ ފިޔަވަހިން 3250 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފައިވާ ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން މިއަދު ކުރެއްވި ހުކުމާއެކު، މި ބިމުގެ މިލްކުވެރިކަންވަނީ ފަލާހަށް ލިބިފައިވާކަމަށް ކަނޑައަޅުއްވާފައެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައި ރ. އިންނަމާދޫގައި ހުންނަ ތިން ގޯތީގެ އިތުރުން ހަމަ އެ ރަށުން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ބައްލަވައިގެންފައިވާނެ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފަލާހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް 990،000 ރުފިޔާ ލިބިލައްވައެވެ. އަދި، ވިޔަފާރީގެ ނަފާގެ ގޮތުގައި 900،000 ރުފިޔާ ލިބިލައްވާއިރު، ގެދޮރު ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް 3.2 މިލިއަން ރުފިޔާ ލިބިލައްވައެވެ.
މީގެ އިތުރުން، ފަލާހު ވަނީ މި އަހަރުގެ ފެބްރުއަރީގައި ބޭންކް އޮފް މޯލްޑިވްސްއިން 15.7 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަންގަވައިފައެވެ. އެ ލޯނަށް އޭނާ ވަނީ މި އަހަރުގެ ތެރޭގައި 496،904 ރުފިޔާ ދައްކައިފައެވެ. ބާކީ ދައްކަންޖެހޭ އަދަދަކީ 15.2 މިލިއަން ރުފިޔާއެވެ.
ފަލާހް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ލޯނެއް ނުނަންގަވާ ކަމާއި، އިންތިޚާބު ކާމިޔާބުކުރައްވަން ޚަރަދުކުރެއްވީ 508,489 ރުފިޔާކަން އިލެކްޝަން ކޮމިޝަނަށް އޭނާ ހުށަހެޅުއްވި އިންތިޚާބީ މާލީ ބަޔާނުގައިވެއެވެ. ދެވަނަ ފަހަރަށް މަޖިލީހަށް އިންތިޚާބުވެފައިވާ ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ކެމްޕެއިނަށް ކުރެއްވި ހުރިހާ ޚަރަދަކީ ވެސް ފަލާހްގެ އަމިއްލަ ފައިސާއެވެ. ފަލާހް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން، އަދި ހެޔޮ އެދޭ އެއްވެސް ފަރާތަކުން ވެސް ފަލާހުގެ ކެމްޕެއިނަށް ފައިސާއެއް ދީފައިވާ ކަމަކަށް މާލީ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.