އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެނީ

އިންޑިއާގެ ކެރަލާ: އެ ތަނުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެނީ --

އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓްގައި ޕްރައިމަރީ އެމީބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ޖެހިގެން 19 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ސިއްޙަތާބެހޭ ވަޒީރު ވީނާ ޖޯޖް ވަނީ ވިދާޅުވެއްޖެއެވެ.

ޕީއޭއެމްއަކީ ސިކުނޑި ކާ އަމީބާގެ ނަމުން ވެސް ނަންދެވިފައިވާ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ.

އެ ބަލި ޖެހިގެން މި އަހަރު އެކަނި ވެސް 69 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ބަލި ފެތުރެމުންދާތީ ސަރުކާރުން އެލާޓް ނެރެފައިވާ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ޑީޑީ ނިއުސްއިން ބުނެއެވެ.

މަދުން ނޫނީ ނުފެންނަ މި ބަލި ޖެހެނީ ނޭގްލެރިއާ ފައުލެރީ ކިޔާ ކުޑަ ދިރޭ އެއްޗަކުންނެވެ. އެ ވައްތަރުގެ ދިރޭ އެއްޗެހި ފެންނަނީ ތަޣައްޔަރުވެފައިވާ ސްވިމިން ޕޫލްތަކާއި، ކުޑަކުދިން ކުޅެން އުޅޭ ޕާކުތަކުން ފެންނަ ފެން އަރުވާ ވަޑާންފަދަ ލޮނު ނޫން ފެން ބޭނުންކުރާ ތަންތަނުން ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވައިރަސް ފަތާއިރު ނޭފަތުން ވަދެ، ސިކުނޑީގެ ޓިޝޫތައް ހަލުވިކަމާއެކު ހަލާކުކޮށްލައެވެ.

ސިކުނޑިއަށް ޖެހޭ ނުރައްކަތެރި ބަލި ޖެހެނީ ފަތާއިރު ނޭފަތުން ވައިރަސް ވަދެގެން. އެ ބަލި ޖެހުމުން ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލައި. ފޮޓޯ/ބީބީސީ

މި ބައްޔަށް "ސިކުނޑި ކާ އަމީބާ"ގެ ނަން ދީފައިވަނީ މިއީ ސިކުނޑިއަށް ބަލިޖެހި ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލާ އެއްޗަކަށް ވާތީ ކަމަށް ސީޑީސީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ބަލި ޖެހުމުން އާންމުކޮށް އަލާމާތްތައް ފެންނަނީ އެއް ދުވަހާއި 12 ދުވަހުގެ ތެރޭގައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ހޮނޑުލެވުމާއި ކަނދުރާ ހަރުވުން އަދި ވާނުވާ ނޭނގޭގޮތްވުން ހިމެނެއެވެ. ބަލި ޖެހިގެން ސީރިއަސްވެއްޖެނަމަ، ކުއްލިއަކަށް މިހާ ހުއްޓި ކޯމާއަށް ދާންޖެހޭ ހަލާތްތައް ވެސް މެދުވެރިވެއެވެ.

މި ބަލި ޖެހިގެން ކެރެލާއިން ފުރަތަމަ ރިޕޯޓުކޮށްފައިވަނީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވެދިޔަ ދުވަސްތަކުގައި ކެރެލާގެ އެކި ހިސާބުތަކުން މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ކެރެލާ ސިއްޙަތާބެހޭ ޑިޕާޓްމެންޓުން ބުނެއެވެ.

އާ ދިރާސާއަކުން ދައްކާ ގޮތުގައި 1962 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ބަލި ޖެހިގެން މުޅި ދުނިޔެއިން 488 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެންމެ ގިނައީ އެމެރިކާ، ޕާކިސްތާން އަދި އޮސްޓްރޭލިއާގައެވެ. އަދި، ބަލި ޖެހުނު މީހުންގެ ތެރެއިން 95 ޕަސަންޓު މީހުން ވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް