ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފައި އޮއްވައި، ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް ތެރެއިން: ޖިންސީ ގޯނާގެ ތުހުމަތު އޮތް ޒުވާނަކު، ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ތަހުގީގުކޮށްފައިވާ މީހަކު، އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އާދިއްތަ ދުވަހުގެ ރޭ ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނިއިރު، އެ މީހާގެ އިތުރު މައްސަލައެއް މީގެ ކުރިން ތަހުގީގުކުރި ކަމަށް ވެސް އެ މުއްސަސާއިން ބުންޏެވެ. އެ މައްސަލައިގައި އޭނާއަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ މައްޗަށް މީގެ ކުރިން ތުހުމަތުކޮށް ތަހުގީގު ކުރި މައްސަލައެއް ފުލުހުން ހާމައެއްނުކުރެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުން އޭނާގެ މައްޗަށް މީގެ ކުރިން ވެސް ބެލީ ޖިންސީ ގޯނާކުރުމުގެ މައްސަލައެކެވެ. އަދި މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކަމަށް ވެސް "ސަން"އަށް އެނގިފައިވެއެވެ.

ރާއްޖޭގައި ޖިންސީ ކުށްތައް ވަރަށް ގިނައިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް ވަރަށް ގިނައެވެ. ފުލުހުންގެ މި އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ޖިންސީ ކުށުގެ 176 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް