ދިރާގުން ޕްރީއޯޑަރަށް ހުޅުވާލިތާ މަދު ވަގުތުކޮޅެއް ތެރޭ، އައިފޯން 17 ޕްރޯ ހުސްވެއްޖެއެވެ.
ކައުންޓްޑައުންއެއް ފެށުމަށް ފަހު، ދިރާގުން އައިފޯން 17 ޕްރޯއާއި 17 ޕްރޯ މެކްސްއަށް ޕްރީއޯޑާކުރަން ހުޅުވާލީ ރޭ 12:01ގައެވެ. އޭގެ ފަހުން މިއަދު ދިރާގުން ބުނީ، ރޭ ޕްރީއޯޑަރަށް ހުޅުވާލުމާ އެކު ކުޑަ ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށެވެ.
އެކަމަކު، އައިފޯން 17 އަދިވެސް ވަރަށް މަދު އަދަދަކަށް ލިބެން އެބަހުރި ކަމަށް ދިރާގުން ބުންޏެވެ.
މި ފޯނަކީ އެޕަލް އުފެއްދި އެހެން ފޯނުތަކާ ތަފާތު، އަދި ވަރަށް ހައިރާންކުރުވަނިވި ފޯނެއް ކަމަށް އެޕަލްއިން ބުނެއެވެ. އައިފޯން 17 ގެ ޖުމުލަ ހަތަރު މޮޑެލް ނެރެފައިވެއެވެ.
އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ފަސް ކުލައިންނެވެ. އެއީ، ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.
އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީޒް 17ގެ ފޯނުތަކުގެ އަގު ބޮޑެވެ.
ދިރާގުން އައިފޯން 17 ވިއްކާ އަގުތައް:
- އައިފޯން 17 ޕްރޯ މެކްސް، 256 ޖީބީ - 29،995 ރުފިޔާ
- އައިފޯން 17 ޕްރޯ މެކްސް، 512 ޖީބީ - 34،995 ރުފިޔާ
- އައިފޯން 17 ޕްރޯ، 256 ޖީބީ - 27،495 ރުފިޔާ
- އައިފޯން 17 ޕްރޯ، 512 ޖީބީ - 32،445 ރުފިޔާ