4 އަތޮޅެއްގެ 31 ރަށަށް ވަޑައިގަންނަވަން ރައީސް ފުރާވަޑައިގެންފި

ރައީސް މުއިއްޒު ރަށެއްގައި: އެ މަނިކުފާނު ވަނީ ހަތަރު އަތޮޅަކަށް ވަޑައިގަންނަވަން ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަންނަވަން ފައްޓަވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ރަށްރަށުގެ ކައުންސިުލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، ރައީސް ބައްދަލުކުރައްވާނެއެވެ.

"މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ،" ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި މީހުން ދިރުއުޅޭ 31 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ރައީސް ވަޑައިގަންނަވާނީ:

  • ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫ
  • ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، އަދި ނިލަންދޫ
  • މުލަކުއަތޮޅި ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުލި
  • ކޮޅުމަޑުލު ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެހެން ދަތުރުފުޅުތަކެކޭ އެއްފަދައިން މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސްގެ އަރިހުގައި ދަތުރުފުޅުތަކުގައި ގިނަ ވަޒީރުންތަކެއްގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެ ރަށްރަށުގެ ބޭފުޅުން ވަޑައިގަންނަވައެވެ.

comment ކޮމެންޓް