ވަކި ކަހަލަ މައުލޫމާތެއް އާންމު ނުކުރުމަށް އެއްބަސް ނުވާނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒު ޕެންޓަގަންއަށް ނޫސްވެރިން ވަނުން ހަނިކުރާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެމެރިކާގެ ޕޮލިޓިކޯ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ މިފަދަ ގޮތަކަށް މީޑިއާތަކުން ޝާއިއު ކުރާ ލިޔުންތަކުގެ ކޮންޓްރޯލު ނަގަން އަޅާ ފުރަތަމަ ފިޔަވަޅެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހުކުރު ދުވަހު ނޫސްވެރިންނަށް ފޮނުވި އީމެއިލްގައި ބުނީ ޕެންޓަގަންއަށް ދެން ވަދެވޭނީ ބައެއް ކަހަލަ މައުލޫމަތު ހިމެނޭ ލިޔުންތައް ޝާއިއު ނުކުރާނެ ކަމަށް ނޯޓެއްގައި ސޮއިކޮށްގެންނެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭގައި އެ ގަވާއިދަށް އަމަލު ކުރަން ފަށާނެ ކަމަށްވެސް އެ އީމެއިލްގައި ބުނެފައިވެއެވެ.
ޕެންޓަގަންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ފިޔަވަޅު އަޅަން ޖެހުނީ ހުއްދަ ނެތި އެއްވެސް ކަމެއް ހާމަކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ގެއްލުން ލިބި ޑިފެންސް ޑިޕާޓްމަންޓްގެ މުވައްޒަފުން ނުރައްކަލުގެ ތެރެއަށް ވައްޓާލާ ސަލާމަތީ ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އާ އުސޫލުގެ ދަށުން ޕެންޓަގަންގެ ހަރަކާތްތަކަށް ހުރަސްއެޅިދާނެ ޕްރޮފެޝަނަލް ނޫން އެއްވެސް އަމަލެއް ހިންގުން އޮތީ މަނާކޮށްފައެވެ. އަދި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވޭ ސިއްރު ނުވަތަ ގިންތި ނުކުރެވޭ މައުލޫމާތު ނޭދެވޭ ގޮތުގައި ހޯދުމަށް އެއްވެސް މަސައްކަތެއް ކުރުންވެސް މަނަލެވެ.
މީގެއިތުރުން ޑިޕާޓްމަންޓް އޮފް ވޯ (ޑޮވް) ގެ މައުލޫމާތު އާންމުކޮށް އާންމު ކުރުމަށް ފާސްކުރަން ޖެހޭނީ އެ މައުލޫމާތު ގިންތި ނުކުރެވުނު ނަމަވެސް ހުއްދަ ދެވޭ ފެންވަރުގެ އޮފިޝަލެއްގެ ހުއްދަ ހޯދައިގެން ކަމަށް ޕެންޓަގަންއިން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެއެވެ.
ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގައި ވާޖިނިއާގެ އާލިންޓަންގައި ބިނާކުރި ޕެންޓަގަން އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް އޮފީސް އިމާރާތެވެ. އެ އިމާރާތަށް ވަންނައިރު، ޖަހަން ޖެހޭ ބެޖެއް ނޫސްވެރިންނަށް ދީފައި އޮވެއެވެ. އޭގެ އިތުރުން ނޫސްވެރިން މަސައްކަތްކުރުމަށް ކަނޑައަޅިފައިވާ ވަކި ޖާގަތަކެއްވެސް ދީފައި ހުރެއެވެ.
މި ފިޔަވަޅަކީ ގިނަ ނޫސްވެރިންނާ ގުޅުން ގޯސް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްގެ ވެރިކަމުގައި އެގައުމުގެ އެންމެ ބޮޑު ފެޑެރަލް އެޖެންސީ، ޕެންޓެގަންއަށް ވަދެވޭނެ ގޮތް ހަނިކޮށްފައިވާ އިތުރު އުސޫލެއްވެސް އާންމުކޮށްފައވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.
މިއަހަރުގެ ކުރީކޮޅު ހެގްސެތު ވަނީ އޮފިޝަލަކާއެކު ނޫން ގޮތަކަށް ނޫސްވެރިން ވަކި ހޯލްވޭތަކަކަށް ވަނުން ހުއްދަ ނުދޭން އަންގާވަފައެވެ. އާ އުސޫލުގެ ދަށުން ފުޑް ކޯޓުން ބޭރުގެ ގިނަ ބައިތަކަށް ވަނުމަށްޓަކައި ނޫސްވެރިން އަދިވެސް ކްރެޑިޝަން ބަދަލުކުރަން ޖެހޭނީ ގަދަ ރަތް ނުވަތަ އޮރެންޖް ޕާސްތަކަކަށެވެ.
އާ ގަވާއިދުގެ ސަބަބުން ޕެންޓަގަންއަށް ނޫސްވެރިންނަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ލޭބަލްކޮށް، އާންމުކޮށް އާންމު ކުރަން ނުފެތޭ މައުލޫމާތު ހޯދާ ނުވަތަ ޝާއިއުކުރާ މީހުންނަށް ނޫސްވެރިކަމުގެ ހުއްދަ ބާތިލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު (ވ) އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފް އެއާފޯސްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން (ކ) ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ/ގެޓީ
ޕެންޓަގަންއަށް ނޫސްވެރިން ވަނުން ހަނިކުރާނެ ކަމަށް ބުނެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިޔާ، ޗާލީ ކާކްގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ތުހުމަތު ކުރެވޭ އާންމުންނަށް ފިޔަވަޅު އެޅުމަށްވެސް ޑިފެންސް ޑިޕާޓްމަންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޚިޔާލުފާޅުކުރުމުގެ ހައްދުތަކެއް ކަނޑައެޅިދާނެ ގޮތްތަކާމެދު މެދު ފުޅާ ބަހުސްތަކެއްވެސް މި ދުވަސްވަރު އަންނަނީ ކުރަމުންނެވެ.
ޑިފެންސް ޑިޕާޓްމަންޓް ކަވަރުކުރާ ނޫސްވެރިން ތަމްސީލުކުރާ ޕެންޓަގަން ޕްރެސް އެސޯސިއޭޝަނުން ބުނީ މެމްބަރުން ދަނީ އާ އުސޫލު މުރާޖައާ ކުރަމުން ކަމަށެވެ.
އަސްކަރިއްޔާއާ ގުޅޭ ޚަބަރުތައް ކަވަރު ކުރުމަށް ރިޕޯޓަރުންނަށް މީގެކުރިން ޕެންޓަގަންގެ ގިނަ ތަންތަނަށް ވަދެވެއެވެ. އޭގެ ތެރޭގައި ޑިފެންސް ސެކްރެޓަރީގެ އޮފީސްތަކާއި ޖޮއިންޓް ސްޓާފުން ތިބޭ ހިސާބުތައްވެސް ހިމެނެއެވެ.
ނަމަވެސް ޑިފެންސް ޑިޕާޓްމަންޓުން ޖެނުއަރީ މަހު ވަނީ އެ އިމާރާތުގައި ހުރި ޕޮލިޓިކޯއާއި ވޮޝިންޓަން ޕޯސްޓާއި ނިއުޔޯކް ޓައިމްސް ފަދަ މީޑިއާތައް މަސައްކަތްކުރާ ތަންތަން ނަގާފައެވެ.
މި ފިޔަވަޅާ ދެކޮޅަށް މީޑިއާތަކުން މުޒާހަރާ ކުރުމުން ޕެންޓަގަން އިން ވަނީ އެންބީސީ ނިއުސް އާއި ސީއެންއެން ފަދަ އިތުރު މީޑިއާތައް މަސައްކަތްކުރާ ތަންތަން ވެސް ނަގާފައެވެ.
މިދިޔަ މެއި މަހު ޕެންޓަގަންއަށް ވަނުން ހެގްސެތު އިތުރަށް ހަނިކުރީ ޔަމަނަށް އެމެރިކާއިން ދިން އަސްކަރީ ހަމަލާތަކާ ބެހޭ ތަފްސީލުތައް ސިގްނަލް ޗެޓް ގްރޫޕަކަށް ހިއްސާކުރުމުން ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ. އެ ގަވާއިދުތަކުގެ ސަބަބުން ނޫސްވެރިންނަށް އެ އިމާރާތުގެ ޕްރެސް ބުލްޕެންތަކާއި ކެފޭ އަދި ގޯތިތެރެއަށް ވަނުން އޮތީ މަނާކޮށްފައެވެ.
ޕެންޓަގަން އިން އެ ފިޔަވަޅު އެޅިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެމަނުކުފާނާއި ދެކޮޅަށް ވާހަކަ ދައްކައި އަބުރުފުޅު ގެއްލޭ ފަދަ ވާހަކަތައް ދައްކާ ކަމަށްބުނެ، މީޑިއާތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އަދި އެމަނިކުފާނާ ދެކޮޅަށް ނެގެޓިވްކޮށް ގެނެސްދޭ މީޑިއާ ކަވަރޭޖް ގާނޫނާ ޚިލާފުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.