ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، ވަގުތުން ޑިޕޯޓުކުރުމަށް، މިއަދު ޚާއްސަ އޮޕަރޭޝަނެއް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ޚާއްޞަ އިސްކަމެއް ދީގެން ހިންގާ މި އޮޕަރޭޝަނުގައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީ ވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ޙައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރާނީ، "މޫނަށް ކަނދުރާއަށް" ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އޮޕަރޭޝަން މިއަދު ފަށާނެކަމަށް ރައީސް ވިދާޅުވިއިރު، އަދި އިމިގްރޭޝަނުން، ނުވަތަ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރަސްމީކޮށް އެކަމުގެ ތަފްސީލް ހާމައެއް ނުކުރެއެވެ.