ސަރުކާރަށް އެކިއެކި މަސައްކަތްތައް ކޮށްދީފައިވާ ކުންފުނިތަކަށް ސަރުކާރުން ފައިސާ ދޫނުކުރާ މައްސަލަ ބޮޑުވެފައި އޮއްވާ، އިމާރާތްކުރުމުގެ ދާއިރާއަށް 1.7 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ހިސާބުތަކުން އެކަން ދެއްކިއިރު ސަރުކާރުން ސަޕްލަޔަރުންނަށް ފައިސާ ނުދޭ މައްސަލަ އޮތީ ބޮޑުވެފައެވެ. އެހެންވެ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް 'ބަނގުރޫޓުވާ' ހިސާބަށް ގޮސްފައިވާ ކަމަށް އެ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ 1.7 އިންސައްތައިގެ ދަށްވުމެއް އައިސްފައެވެ. އެގޮތުން، އެ އަހަރު އެ ދާއިރާގައި ހިނގީ ޖުމުލަ 4.3 ބިލިއަން ރުފިޔާގެ އިގުތިސާދީ ހަރަކާތެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ގިނަ އިގުތިސާދީ ހަރަކާތް ހިނގީ 2018 އާއި 2019 ގައެވެ. އެގޮތުން، އެ ދެ އަހަރު ވެސް އެ ދާއިރާގައި 6.9 ބިލިއަން ރުފިޔާގެ އިގުތިސާދީ ހަރަކާތް ހިނގިއެވެ.
މިދިޔަ އަހަރު އެ އަދަދު 4.3 ބިލިއަން ރުފިޔާގައި ހުރިއިރު އެއީ އޭގެ ކުރީއަހަރާ އަޅައިބަލާއިރު 78 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ކޮންސްޓްރަކްޝަން ދާއިރާއަށް މިދިޔަ އަހަރު 1.7 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާފައިވާއިރު، ސަރުކާރު މަޝްރޫއުތަކަށް ސަޕްލަޔަރުންނަށް ފައިސާ ދޫނުކުރާ މަައްސަލަ އޮތީ ބޮޑުވެފައެވެ.
އެކަމަކު، ސަޕްލަޔަރުންނަށް ނުދީ ހުރި ފައިސާގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުނު ނަމަވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިން ވިދާޅުވި ގޮތުގައި ސަޕްލަޔަރުންނަށް ސަރުކާރުން 14 ބިލިއަން ރުފިޔާ ނުދީ އެބައޮތެވެ. އެކަމަކު، ސަރުކާރުން ރަސްމީކޮށް އެ އަދަދު ދޮގުކޮށްފައެއް ވެސް އަދި އަސްލު އަދަދަކީ ކޮބައިކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރާއެކު ހަދައިފައިވާ ކޮންޓްރެކްޓްތަކަށް މަސައްކަތްކުރާ ބައެއް ވިޔަފާރިތަކުން ބުނާ ގޮތުގައި ވޭތުވެދިޔަ ތިން ހަތަރު އަހަރުތެރޭ ކޮންޓްރެކްޓަރުންނަށް ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން އެ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް އިނދަޖެހި، ދަރަނިވެރިވެ، ގޮތް ހުސްވެފައެވެ. އަދި ގިނަ ކޮންޓްރެކްޓަރުން ވަނީ އަނބުރާ މަސައްކަތަށް ނާދެވޭ ވަރަށް ބަނގުރޫޓުވެފައި ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
ވިޔަފާރިތައް ދަށްވެފައިވާއިރު ރާއްޖެއަށް ވަނީ ދަރަނީގެ މައްސަލަ ބޮޑުވެފައެވެ. މި އަހަރު 500 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.