ދިވެހިރާއްޖެއަށް ވަރަށް ވަރުގަދަ "ޒަލްޒަލާ"އެއް އައިސްގެން ނޫނީ ކޮރަޕްޝަން ނައްތައިނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޓައުންހޯލް ޖަލްސާގައި ޔާމީން ވަނީ ނޫސްތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ޓީވީތަކުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހުކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާފައެވެ.
އެގޮތުން، ނޫސްވެރިންނަކީ ދައުލަތުން ރުފިޔާ ދޭ ބައެއް ނޫން ކަމަށާއި މާލީ ބަޔާން ހާމަކުރަން ރައްޔިތުން ބުނަނީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއީ، ރައްޔިތުންގެ ފައިސާއިން ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން މުސާރަ ނަގާތީ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަމަކު، ނޫސްވެރިންނަކީ ދައުލަތުގެ މާލީ ބަޔާން ހުށަނާޅާ މީހުންގެ ވާހަކަދައްކާ މީހުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، ވަރަށް ވަރުގަދަ 'ޒަލްޒަލާއެއް' އައިސްގެން ނޫނީ ރާއްޖެއިން ކޮރަޕްޝަން ނައްތައެއް ނުލެވޭނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
"[ރައީސް] މުއިއްޒު އަދިވެސް އެ އުޅުއްވަނީ މާލީ ބަޔާން ހުށަނާޅުއްވާ. ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅީމާ އޮޑިޓާ ޖެނެރަލް އެ [ވިދާޅުވަނީ] ތިމަންނަމެންގެ އުސޫލެއް ނޯވޭ ބަލަންޖެހޭ. ދެން ކީއްކުރަން ހުށަހަޅާ މާލީ ބަޔާނެއް މިއީ،" ޔާމީން ވިދާޅުވިއެވެ.
އެފަދަ ތާކުންތާކުނުޖެހޭ ވާހަކަދައްކާ މީހުންނަށް "ކާންދީ" ބޮޑުކުރަން ބޭނުންވަނީ އެއް ބަޔަކު ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ދެން މިހާރު ވަރަށް ވަރުގަދަ ޒަލްޒަލާއެއް އައިސްގެން ނޫނީ މި އުޅޭ ކޮރަޕްޝަނެއް ނައްތައެއް ނުލެވޭނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ނޫސްތަކާއި ރާއްޖޭގެ އެންމެން ކޮރަޕްޝަންގެ ވާހަކަދައްކާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ކަމަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ.
"ރައްޔިތުންނާ ހަމައަށް ތިރިވެލާ. އިސްލާމީ ފަގުޑި ނާޅުއްވާ. ފުރަތަމަ ރައްޔިތަކަށްވޭ. ރައްޔިތަކީ ޟައީފް ރައްޔިތެއް. ނިކަމެތި ރައްޔިތެއް. އޭނައަށް ކައިގެން ބޮއެގެން އުޅެފައި އިޖުތިމާއީ އަދުލުގެ ނިޒާމެއް މި އޮތީމައި ދެން އެހެން ކަންތައްތަކާ އޭނާ ވިސްނާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މާލީ ބަޔާންތަކުގެ ވާހަކަދައްކަވަމުން ޔާމީން ވަނީ ފަނޑިޔާރުންގެ މާލީ ބަޔާންތައް ވެސް ހާމަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ފަނޑިޔާރުންނަށް 'ލާރި އެޅި' މީހުން އޭރަށް އެނގޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ވެސް އެ މަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވަން ޔާމީން ވަނީ ގޮވާލައްވާފައެވެ. ދުނިޔޭގެ ތަހުޒީބީ އެހެން ގައުމުތަކުގައި ތުހުމަތެއް ކުރެވުމުން އިސްތިއުފާދެއްވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ކޮރަޕްޝަނާ ގުޅުވައި ޔާމީން ވާހަކަދެއްކެވިއިރު، ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގީ އެ މަނިކުފާނުގެ ވެރިކަމުގައެވެ. އެ މައްސަލައިގައި ބައެއް ރަށްރަށް ކުއްޔަށް ދިނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައިވެއެވެ. އެހެންވެ، ދެ މައްސަލައެއްގައި ޔާމީން މިދިޔަ ސަރުކާރުގައި ޖަލަށް ވެސް ލިއެވެ. އެކަމަކު، އެ ދެ މައްސަލަ ވެސް މަތީ މަރުހަލާ ކޯޓުތަކުން ވަނީ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެ މަނިކުފާނާ ގުޅޭ އިތުރު މައްސަލައެއް މިހާރު ވެސް ދަށު ކޯޓު މަރުހަލާގައި އެބައޮތެވެ.
އެކަމަކު، ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އަދީބު ޖަމާކުރެއްވީ އެ މަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެން އެހީ ކަމަށާއި އެ ފައިސާއާއި ޚިޔާނާތާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި، ޚިޔާނާތުގެ މައްސަލަ ބަލައިލަން ކެރުނީ ވެސް އެ މަނިކުފާނަށް އެކަނި ކަމަށް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.