ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އިއްޔެ ރޭ ހިނގި ބޯޑަރު ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ދެ ގައުމުންވެސް ބުނެފިއެވެ.
މިއީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައި ފަހުން އަވަށްޓެރި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ސީރިއަސް އެއް ހަނގުރާމައެވެ.
އެގޮތުން އަފްޣާނިސްތާނުގެ ފަރާތުން ދިން ހަމަލާއަކާ ގުޅިގެން ޕާކިސްތާނާއި އަފްޣާން ސިފައިންގެ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ 23 ސިފައިން ޝަހީދުވެ، ތާލިބާނުންނާއި އެ އެމީހުންނާ ގުޅުން ހުރި ޓެރަރިސްޓުންގެ 200 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
"ރޭގަނޑުގައި ހިނގި ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ 23 ހިތްވަރުގަދަ ދަރިން ވަނީ ޝަހީދުވެފައި. މި އަމަލާ ދެކޮޅަށް އަހަރެމެންގެ ލޯބިވާ ގައުމުގެ ސަރަހައްދީ ނަޒާހަތްތެރިކަން ދިފާއުކުރިއިރު، 29 ސިފައިންނަށް އަނިޔާވި," އައިއެސްޕީއާރު އިން ބުންޏެވެ.
ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތައް ދިނީ ކޮން ގައުމެއް ކަން ސާފެއް ނޫނެވެ. ނަމަވެސް، އެއީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާއެއް ކަމުގައި ތާލިބާނުންގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދު ބަންދުކޮށްފައި އޮތުމުން ޓްރަކްތައް ކިޔޫގައި. ފޮޓޯ/ރޮއިޓާސް 
ތާލިބާން ސަރުކާރުގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ޢިނާޔަތުالله އަލް-ޚަވާރިޛްމީ ބުނީ ޕާކިސްތާނުން ދީފައިވާ ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ސަރަހައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ފައުޖުތަކަށް އަމާޒުކޮށް ރައްދު ހަމަލާތަކެއް ދީފައިވާނެ ކަމުގައެވެ.
ދެ ފަރާތުގެ ދެމެދު ހަމަލާ ބަދަލު ކުރަން ފެށުމާ އެކު، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާފައެވެ. އެގޮތަށް ގޮވައިލާފައިވާ ގައުމުތަކުގެ ތެރޭގައި އީރާން، ގަތަރު އަދި ސައޫދީ އަރަބިއްޔާ ހިމެނެއެވެ.
ކާބުލްއިން އާދީއްތަ ދުވަހު ބުނެފައިވަނީ ގަތަރާއި ސައުދީ އަރަބިއްޔާގެ އެދުމުގެ މަތިން ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށްވެސް ތާލިބާނުންގެ ވެރިކަމުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ ވިދާޅުވެފައެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ފަރާތުން ވަނީ ބޯޑަރު ސަރަހައްދުތަކުގައި އެތައް ފަހަރަކު ހަމަލާ ބަދަލުކޮށްފައެވެ.
 
											
										 
					 
                 
                                                            