އަދުގެ ދުނިޔޭގައި ވެރިން ނެތަސް ވެރިކަންކުރާނެ މީހުން އެބަތިއްބެވެ. "ވެރިން ނެތަސް"އޭ މި ދެންނެވީ އަދުގެ ދުނިޔެއިން އަމިއްލަވަންތަ ވެރިކަމެއްކުރާ މަދު ވެރިޔަކު ނޫނީ ފެންނާން ނެތްކަމުގައި ސިޔާސީ މުފައްކިރުން ބުނާތީއެވެ. ގިނަ ދިމަދިމާލަށް ބަރޯސާނުވެ، ދީނާއި ޤައުމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމުގައި އަމިއްލަފުޅު ބާރުން ވެރިކަންކުރެއްވި ވެރީން، ވެރިކަންކުރި ޒަމާން ފަހަނަޅައި ގޮސްފިކަމަށް އެމީހުން ބުނެއެވެ.
މި މޭރުމުން ބަލާއިރު ވެރިކަމުގެ އެންމެ ރިވެތި ނަމޫނާ ދެއްކެވީ އެއްވެސް ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمއެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ޢަދުލުވެރި ކާފިރުން ވެސް އިތުރު އެކަލޭގެފާނުގެ ލީޑާޝިޕް ސިފަފުޅުތަކަށާއި ވެރިކަމުގައި ވައްޓަފާޅިއަށް ދެނީ އެއްވަނައެވެ. އެ ވާހަކަ ތާރީޚުގައި ލިޔަނީ ރަންއަކުރުންނެވެ. ކަންވާނީ ވެސް އެހެންނެވެ. އެއީ އެކަލޭގެފާނުގެ ހުނަރުވެރިކަމުން ހޯދައިގެން ކަމެއް ނޫނެވެ. އެހެނަސް އެއީ އިލާހީ ޔުނިވާސިޓީއިން ފޮނުއްވެވި ޕޮލިޓިކަލް ސައިންސްގެ މާހިރެކެވެ.
މާތް ﷲގެ މަގަށް މީސްތަކުންނަށް ތެދުމަގު ދައްކަވާ ބައެއް ކަމުގައި އެކަލާނގެ ރަސޫލުންނާއި ނަބިއްޔުން ފަނުއްވަތެވެ. އެހެންކަމުން މީސްތަކުންނަށް ވެރިކަމުގެ ނަމޫނާ ދައްކަވައި އެ ކަމުގެ ޢަމަލީ ތަޖުރިބާ ކިޔައިދިނުން ވެސް އެބޭކަލުންގެ ކިބައިގައި ވަނީ ލައްވަވައިފައެވެ. ސޫރަތުލް އަންބިޔާއިގެ 73ވަނަ އާޔަތުގެއި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ތިމަން އިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުން ކަމުގައި، ތިމަން އިލާހު އެބޭކަލުން ލެއްވީމެވެ." މިއީ މުސްލިމުން ފަޚުރުވެރި ވާންޖެހޭ ކަމެކެވެ. މިއަދު ދުނިޔޭގައި ވެރިކަމުގެ އެކިއެކި ނިޒާމުތައް ތަހުލީލުކުރަމުން އައިސް އަދާޖެހުނު އިރުވެސް ޢަދުލުވެރި އިންސާފުވެރި ގޮތެއްގައި ވެރިކަންކުރާނެ ނިޒާމެއް ޤާއިމުވެފައި އޮތްތަން ނުފެނެއެވެ. މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން އަޅުގަނޑުމެންގެ ދީން މިވަނީ ވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވައިފައެވެ.
އިސްލާމީ ޤައުމުތަކުން ދުނިޔޭގެ ކާމިޔާބާއި އާޚިރަތުގެ ނަޖާތު ހޯދަން އެދޭ ނަމަ އަޅާން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ އެ ފެނުނު ނަބަވީ ނަމޫނާއާ އެއްގޮތަށް އިލާހީ ދަރުބާރުން އެންގެވި ޝަރީޢަތުގެ ހަމަތަކުގެ މަތިން ވެރިކަމުގެ ހުނަރުތައް ދަސްކުރުމެވެ. އެ ފިޔަވަޅުމަތީ ހިނގުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ލީޑަރޝިޕުން ފެންނަން އެހެރަ ފިލާވަޅުތަކުގެ އަލީގައި ޤައުމުތަކަށް ޚިދުމަތްކުރަން ޢަޒުމުކަނޑައަޅަންވީއެވެ. އެ ފިލާވަޅު ތަކަކީތޯއެވެ! އެއީ ވަރަށް ގިނަ އެހެނަސް ޢިބުރަތުން ފުރިގެންވާ ފަސޭހަ ފިލާވަޅުތަކެވެ.
ނަބިއްޔާގެ ދަރުބާރުން ސިފަވާންހުރި އިސްލާމީ ޝަރީޢަތުގެ ކޮންމެ ނަމޫނާއަކީ މިއަދުގެ މައްސަލަތަކަށް އޮތް އެންމެ އެދެވޭ ޙައްލު ކަމުގައި ވެސް ބުނެވިދާނެއެވެ. އޭގެތެރެއިން ބައެއް ކަންކަމަށް ކުރުގޮތަކަށް ބަލައިލާނަމެވެ.
ޢަދުލުވެރިކަން: ވެރިންގެ ކިބައިން އެންމެ ބޮޑަށް އެދެވިގެންވަނީ މީސްތަކުންގެ މެދުގައި ޢަދުލު އިންސާފުން ކަންކަން ކުރުމެވެ. އެއީ އޭނާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި އެތައް ގުނައެއް އުފުލިގެން ދާނޭ ކަމެކެވެ. ރައްޔިތުންގެ ކަންކަން ކޮށްދެއްވަން ވާނީ ޢާއިލާއަކަށް ނަސްލަކަށް ކުލަޔަކަށް ވަކި ޖިންސަކަށް ބަލައިގެނެއް ނޫނެވެ. ތަފާތު ޚިޔާލުތަކާއި ފިކުރުގެ ނުބައްދަލުކަން ވެސް އެއްކިބާކޮށް ޢަދުލުވެރިކަމާ އެކު އިންސާފުގެ ތިލަފަތް ހަމަކޮށްގެންނެވެ. އެ ގޮތުން ރައްޔިތުންނަށް އެބައިމީހުން އެދޭ ކަންކަން އިޖްތިމާޢީ ހަމަހަމަކަމުގެ ތެރެއިން ފަސޭހަކޮށްދީ އިންތަކާއި މިންތަކުގެ ދާއިރާއިން ބޭރުނުވެ ހުންނަވައިގެން އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ވެރީންގެ ޒިންމާއެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمވަނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި ޢަދުލުވެރިކަމުގެ ފުރިހަމަ ނަމޫނާ ދައްކަވައިފައެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
ފަޤީރުންނާއި ނިކަމެތިންނަށް އަޅައިލުން: މުސްލިމުންގެ ތެރޭ ތިބި ދެރަ ނިކަމެތިންނަށް އެންމެބޮޑަށް ކަމޭހިއްތަވައި އަޅާއިލުން ދެއްވެވީ އިތުރު އެކަލޭގެފާނެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ފަޤީރުންނަށް ޚިދުމަތްކުރައްވަމުން ގެންދެވިއެވެ. އެއީ އޭރުގެ ވެރިކަންކުރައްވަމުން ގެންދެވި އެތެރެ ކޮއިލޭ ވެސް ދެންނެވިދާނެއެވެ. މި ޒަމާނުގެ ބަހުންނަމަ ވެރިކަމުގެ ދަރުބާރެވެ. އެތަނުގައި ފަޤީރުންނަށް ކެއުމާއި ނިދުން ހަމަޖައްސަވައިދެއްވައިފައި ހުރެއެވެ. ޞަދަޤާތްކުރެއްވުން ގިނަކުރައްވައި އެހެން މީހުންނަށް ޖެހޭ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި އެކަލޭގެފާނަކީ ދެވަނައެއްނެތް އެންމެ ފުރިހަމަ މިސާލެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
ރަޙުމުކުރުން: އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވެވީ ވެސް މީސްތަކުންނަށް ރަޙުމަތެއްގެ ގޮތުގައެވެ. މީސްތަކުންނަށް ރަޙުމުކުރެއްވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾ (الأنبياء: ١٠٧) މާނައީ: "އަދި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި މެނުވީ، ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ." އެހެން މީހަކު އެކަލޭގެފާނަށް ބޭއިންސާފުން ކަމެއް ހުރިޔަސް، އޭގެ ބަދަލުގައި އޭނާއަށް ބޭއިންސާފު ނުކުރައްވައެވެ. އޭނާގެ މައްޗަށް ވެސް އިސްކުރެއްވީ ރަޙުމުކުރެއްވުމެވެ. އެ މީހަކަށް މަޢާފުދެއްވައި އޭނާއަށް ޓަކައި ހެޔޮދުޢާކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ކާނާއަށް ޒަހަރުލީ ޔަހޫދީއަށް މަޢާފުދެއްވުން އެއީ މި ކަމުގެ އަލިގަދަ ހެއްކެކެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
އަމާނާތްތެރިކަން: ނަބީކަމުގެ ކުރީގައި ވެސް އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައި ވަނީ އަލްއަމީނުގެ ލަޤަބުފުޅުންނެވެ. މިއީ އޭރުގެ މީހަކު ވެސް މިހާރުގެ މީހަކު ވެސް ދެބަސް ވާނޭ ކަމެއް ނޫނެވެ. ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ އެންމެ އަސާސީ ދެ ސިފައަކީ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. މި ދެ ސިފައިގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު މާތް ނަބިއްޔާއެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
މަޝްވަރާކުރުން: އިސްލާމީ އުންމަތަށް ޖެހުނު ކޮންމެ ބޮޑުކަމެއްގައި، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގޮތް ނިންމެވީ އިސް ސަފުގައި ތިއްބެވި ޞަޙާބީންގެ މަޝްވަރާއާއި އާންމު މުސްލިމުންގެ ވެސް މަޝްވަރާ އަޑުއައްސަވައިގެންނެވެ. ހަންދަޤު ހަނގުރާމައަކީ މި ދެންނެވި ނަމޫނާ ފެންނާން އޮތް އެ ހާލަތެވެ. ޚަންދަގު ކޮނުމުގެ ޚިޔާލަކީ ސަލްމާނުލްފާރިސީ رضي الله عنه ދެއްވި ޚިޔާލުފުޅެކެވެ. އިތުރު އެކަލޭގެފާނު އެކަން ޤަބޫލުކުރައްވައި ޢަމަލީ ގޮތުން އެކަން ކުރެއްވިއެވެ. އޭގެ ނަތީޖާ ވެސް ފެނުނީ ވަރަށް ރަނގަޅަށެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
ޙިކުމަތްތެރިކަން: ކަންކަމުގެ އެންމެ ރަނގަޅު ވަގުތުގައި ކަންކަން ކުރުމާއި މުނާސަބު ގޮތްގޮތަށް ކަންކަމަށް ބަދަލުގެނައުމީ ޙިކުމަތްތެރިކަމުގެތެރޭ ހިމެނޭ ކަންކަމޭ ބުނެވިދާނެއެވެ. ވަގުތާއި ހާލަތާ އެއްގޮތަށް ނިޔާކުރެއްވުމާއި ޙުކުމްކުރެއްވުމުގެ ހުރިހާ ޢަމަލުފުޅެއްގައި ވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުން ފެންނާން އޮތީ ޙިކުމަތު ޢަމަލީގެ ރިވެތި ނަމޫނާއެވެ. މީސްތަކުންގެ ގިންތިއާއި ފަންތީގެ ފަރަޤަށް ބައްލަވައިގެން މުޢާމަލާތުކުރެއްވުމާއި ކަންކަމަށް މީސްތަކުން އިސްކުޅައުމާއި ފަސްކުޅައުމުގައި ވެސް ބުއްދިފުޅުގެ ޙިކުމަތް ގެންގުޅުއްވީ އާދައިގެ މީހަކަށް ވިސްނޭނޭ ހިސާބެއްގައެއްނޫނެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަކީ އިތުރު އެކަލޭގެފާނެވެ.
މި މައުޟޫގައި ލިޔާނެއްޏާ ލިޔާންވީ ވާހަކަހުރީ ކޮޅުންނުލައިހާ ގިނައިންނެވެ. ހޯދާން ބޭނުން ކޮންމެ މީހަކަށް އެ ކަންކަން ފަސޭހަ މަގުން ފެންނާން މިއަދު އެބަ އޮތެވެ. މާދަމާގެ ލީޑަރުންނަށްވާން އެދޭ އަދުގެ ޒުވާނުންނަށް ބުނަން އޮތީ، އެ ރޮނގުގައި ކާމިޔާބު އެދެންޏާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދެއްކެވި ވެރިކަމުގެ އެންމެ ރިވެތި ނަމޫނާއަށް ބަލައިގެން ހެޔޮ ނިޔަތާ އެކު ދީނަށާއި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރާން ނިޔަތްގަންނާން ވީއެވެ. އެ ނިޔަތުގެ މަތީ ސާބިތުވެއްޖެއްޔާ، މާތް ﷲ ތިބާގެ އަތްމައްޗަށް ކާމިޔާބު ފަހިކޮށްދެއްވާނެތެވެ!