އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަނީ އެއްވެސް އަސާސެއް ނެތް ތަހުގީގެއް ކަމަށާއި ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް އެ ކޮމިޝަންގައި ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ފައްޔާޒް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.
އެއީ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާ ގުޅުން އޮންނަ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލައެވެ. އެ ކަމުގައި ފައްޔާޒަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ. އެ ތަހުގީގު އޭސީސީން އަންނަނީ ކުރަމުންނެވެ.
ތަހުގީގަށް އޭސީސީއަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ނުކުމެވަޑައިގެން އެއްވެފައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އޭސީސީން ކުރަނީ އެއްވެސް އަސާސެއް ނެތް ތަހުގީގެއް ކަމަށެވެ.
"އެއްވެސް އަސާސެއް އޭގެ މައްޗަށް ބިނާވެފައިވާ ތަހުގީގެއް ނޫން. ތަހުގީގުކުރަމުންދާއިރުގައި ތަހުގީގާ ބެހޭ އެއްވެސް ތަފުސީލެއް އެ ބޭފުޅުން އަތުގައި ނެތްކަން އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އެއަށް ފަހު ފައްޔާޒް ވިދާޅުވީ، އޭސީސީގެ ތަހުގީގާ މެދު ދަންނަވަން އޮތް ވާހަކައިގެ ހުތުރުކަމުން އެ ވާހަކަނުދަންނަވާނެ ކަމަށެވެ. އަދި، އޭސީސީން ކުރަނީ އެއްވެސް ތާކުންތާކުޖެހޭ ތަހުގީގެއް ނޫން ކަމަށް ވިދާޅުވެ، ވާހަކަ ކުރުކޮށްލެއްވީއެވެ.
ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު އޭނާ އިކޮނަމިކް މިނިސްޓަރަކަށް ހުންނަވައިގެން ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ލިބެންނުޖެހޭ މަންފާއެއް ހޮދައިދޭން މަގާމުގެ ބޭނުން ނަހަމަ ގޮތުގެ ހިފި ކަމަށެވެ. އެކަމަކު، އެ ތުހުމަތުތައް ފައްޔާޒް ދޮގުކުރައްވައެވެ. އަދި، ސްވިފްޓް އިންޖިނިއަރިން ކުންފުނީގައި މަސްލަހަތު އޮންނަ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސައުދުﷲ ވެސް ވަނީ އޭނާގެ ކުންފުންޏަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.
ސައުދުﷲ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ސްވިފްޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި ނަގުދު ފައިސާ ނުދޭ ކަމަށާއި އޭގެ ބަދަލުގައި ދިނީ މަޝްރޫއުތަކެއް ކަމަށެވެ. އެކަން ކުރީ ވެސް ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭސީސީން އިއްޔެ ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. އަދި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ޗިޓު ފޮނުވާފައެވެ.
އެ މައްސަލަތައް ބަލަނީ ސިޔާސީ ގޮތުން ކަމަށް ބުނެ، އެމްޑީޕީން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.