މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން މާލީ ބަޔާން ހުށަހަޅަން ލާޒިމުކުރާ އިސްލާހު ބަލައިގެންފި

މެންބަރު މުހައްމަދު އިބްރާހިމް: ކުޑޫ ހުށަހެޅުއްވި އިސްލާހުތައް ބަލައިގަނެ، ދިރާސާކުރަން ވަނީ ފޮނުވައިފަ -- ފޮޓޯ/ މަޖިލީސް

މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަޤާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުތައް ބަލައިގަނެ, ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ވަކިވަކިން ކުޑޫ ހުށަހެޅުއްވި އިސްލާހުތައް ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް އެ އިސްލާހުތައް ދިރާސާކުރަން ފޮނުވާލީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރު ވަކިވަކިން މި އިސްލާހުތައް ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި އިސް މަޤާމުތައް ފުރުއްވަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިނުވާތީ، އެ ބޭފުޅުން ވެސް ޖަވާބުދާރީކުރެވޭނެ އުސޫލެއް ގާއިމުކުރުމަށެވެ.

އެގޮތުން، ކުޑޫ އިސްލާހު ހުށަހެޅުއްވީ އޮޑިޓް ގާނޫނަށާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށެވެ.

މި ދެ ގާނޫނުގެ ތެރެއިން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބުގައި ކުޑޫ ފާހަގަކުރެއްވީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމުގެ އިތުރުން ދައުލަތުގެ މުހިންމު ބައެއް އެސެޓުތައް މެނޭޖުކުރަނީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ކަމަށެވެ.

އެހެންވެ، ކުޑޫ ހުށަހެޅުއްވީ މި މަޤާމުތަކާ ހަވާލުވާ ބޭފުޅުން ހަވާލުވާތާ ފުރަތަމަ 30 ދުވަހުގެ ތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފުސީލުތައް ހުށަހަޅަންޖެހޭ ގޮތް ހެދުމަށާއި، މަޤާމުތަކާ ހަވާލުވާތާ އެއް އަހަރު ދުވަސް ފާއިތުވާތާ ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުމަށެވެ.

އޭގެ ތެރޭގައި ކުންފުނިތަކުގެ ޗެއާޕާސަނުން، މެނޭޖިން ޑިރެކްޓަރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން، ސީއީއޯ، ސީއޯއޯ ފަދަ މަގާމުތައް ހިމެނެއެވެ. އަދި، މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ކުޑޫ ހުށަހެޅުއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ. އެ އިސްލާހަށް އެއްވެސް މެންބަރަކު ބަހުސްކުރުމެއް ނެތި ބިލު ބަލައިގަނެ ވަނީ މިދިޔަ ހަފުތާގައި ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފައެވެ.

comment ކޮމެންޓް