އަރިޖީތު އާއި ސަލްމާންގެ ދެމެދު ރުޅިވެރިކަމެއް ނެތް

އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އަދި އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އަހަރުތަކެއް ކުރިން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އާއި ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ ދެމެދު މައްސަލަތަކެއް ޖެހުނު ނަމަވެސް އެ މައްސަލަ ހައްލުކޮށް ދެ މީހުންގެ ދެމެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް މިހާރު ނެތް ކަމަށް ސަލްމާން ބުނެފިއެވެ.

ކަލަސް ޓީވީއިން ދައްކަމުން އަންނަ "ބިގް ބޮސް 19"އިގެ އެޕިސޯޑެއް ހުށަހެޅުމުގެތެރޭ ޝޯގެ ބައިވެރިންނާ އެކު ދެކެވުނު ވާހަކައެއްގައި ސަލްމާން ބުނީ، ކުރިން ލަވަކިޔުންތެރިޔާއާ ދެމެދު ޖެހުނު މައްސަލަ އަކީ ސަލްމާންގެ ސަބަބުން ޖެހުނު މައްސަލައެއް ކަމަށެވެ.

ސަލްމާން ބުނި ގޮތުގައި ދެ މީހުންގެ މެދުގައި މައްސަލަޖެހެން މެދުވެރިވި ހާދިސާގެ ވާހަކަ ސަލްމާނަށް އޭރު ރަނގަޅަށް އޮޅުން ފިލާފައި ނެތުމުން އެއީ ސަލްމާނުގެ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަރިޖީތު އާއި ދެ މީހުންގެ މެދުގައި މިހާރު އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމަށާއި ލަވަކިޔުންތެރިޔާ އަކީ ސަލްމާންގެ ވަރަށް ރަނގަޅު ރަހްމަތްތެރިއެއް ކަމަށް އެކްޓަރު ވަނީ "ބިގް ބޮސް 19"އިގެ އެޕިސޯޑުގައި ބުނެފައެވެ.

އަރިޖިތު ސިންގް ޝޯއެއްގައި ޕާފޯމްކުރަނީ--ފޮޓޯ/އެމްއެސްއެން

ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުވުމާ އެކު ސަލްމާންގެ ފިލްމު "ޓައިގާ 3"ގެ ލަވައެއް ވެސް އަރިޖީތު ކިޔާފައި ވާނެ ކަމަށާއި އެކްޓަރުގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ލަވައެއް ވެސް އަރިޖިތުގެ އަޑުން ކިޔަން ހަމަޖެހިފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަރިޖީތު އާއި ސަލްމާންއާ ދެމެދު މައްސަލަޖެހުނީ 2004 ވަނަ އަހަރު އޮތް އެވޯޑު ދިނުމުގެ ރަސްމިއްޔާތެއްގައި ސަލްމާންގެ އަތުން އެވޯޑު ލިބުމަށްފަހު ސްޓޭޖަށް އަރައި އަރިޖީތު ބުނި އެއްޗަކުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އެކަމާ އަރިޖިތު ސަލްމާންގެ ކިބައިން މައާފަށް އެދުނު ކަމަށާއި އޭގެފަހުން ވަރަށް ގިނަ ފަހަރު މަތިން ސަލްމާނަށް މެސެޖުކޮށް ހެދި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް 2016 ވަނަ އަހަރު ރިލީޒްކުރި ސަލްމާންގެ ފިލްމު "ސުލްޠާން"ގައި އެންމެ ފުރަތަމަ އަރިޖީތުގެ އަޑުން ރެކޯޑު ކުރެވުނު ލަވަ "ޖަގް ގޫމެޔާ" ކަނޑާލުމަށްފަހު ޕާކިސްތާނު ލަވަކިޔުންތެރިޔާ ރާހެތު ފާތިހު ލައްވާ އެ ލަވަ ރެކޯޑްކޮށް ރިލީޒްކުރުމުން އެކްޓަރު އަރިޖީތަށް މައާފް ނުކުރާ ކަމަށް އަރިޖީތު ގަބޫލުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ މައްސަލަ އާއި ގުޅިގެން އަރިޖީތު ވަނީ އަމިއްލަ ފޭސްބުކް އެކައުންޓްގައި ވެސް ސަލްމާންގެ ކިބައިން މައާފަށް އެދި ދިގު ޕޯސްޓެއް ލިޔެފައެވެ.

ސަލްމާންއާ އެކު ގުޅުން ގޯސްވިނަމަވެސް އޭގެފަހުން ވެސް މިއަދާ ހަމައަށް އަރިޖީތު ވެފައި ވަނީ އިންޑިއާގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ލަވަކިޔުންތެރިންގެ ތެރޭގައެވެ.

comment ކޮމެންޓް