ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނީ 192.1 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބިފައިވަނީ 192،149،939 ރުފިޔާގެ އާމްދަނީއެއް ކަމަށާއި، އެ ވިޔަފާރިން 17.36 މިލިއަން ރުފިޔާގެ ޓެކުހެއް ވެސް ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީގެ 83 ޕަސެންޓަކީ ލޯ ސަލްފާ ފިއުލް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މީގެ ކުރިން ސައީދު ވަނީ ބަންކަރިންގެ ޚިދުމަތަކީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސައީދު މިއަދު ދެއްވި އަދަދު ޑޮލަރަށް ބަދަލުކުރުމުން، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނީ 12.46 މިލިއަން ޑޮލަރެވެ.
ބަނދަރެއް ނެތި، ކަނޑުގެ ސަރަހައްދެއްގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، ބަނދަރެއް ނެތި މި ޚިދުމަތް ފެށީ އެއްވެސް އުޒުރެއް ދައްކައިގެން މަސައްކަތް ނުފަށައި ލަސްކުރަން ސަރުކާރުން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގައެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.
އޭގެ ދޮޅު މަހެއްހައި ދުވަސް ފަހުން، 13 ނޮވެންބަރުގައި މިނިސްޓަރު ސައީދު ވަނީ ބަންކަރިން ޚިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ މުއްދަތުގައި ލިބުނު ކަމަށް ވިދާޅުވެފައެވެ.
އެއާއެކު، ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު މި އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ވިދާޅުވިއެވެ.