މުޅި ޤުރުއާން ހަ ބިހުގައި ލިޔުއްވި ބޭފުޅެއްގެ ވާހަކަ

ދުނިޔޭގައި ތަފާތު އެކިއެކި ކަންކަން ކުރަމުން އަންނަ މީސްމީހުންގެ ޚަބަރު ކޮންމެ ދުވަހަކު ވެސް ނޫސްތައް ފަޅުފިލުވައެވެ. މި ފަހަރު ވެސް މި އޮތީ އެފަދަ ތަފާތު ހުނަރެއްގައި ވިދާލި މީހެއްގެ ވާހަކައެވެ.

ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ 70 އަހަރުގެ ބޭފުޅަކު މުޅި ޤުރުއާން އެއްކޮށް އެންމެ 6 (ކުކުޅު) ބިހުގައި ވަނީ ލިޔުއްވައިފައެވެ. އޭނާ އެކަން ކުރައްވައި ނިންމެވިކަން ދުނިޔޭގެ އެކިއެކި މީޑީއާތަކުން ރިޕޯޓުކުރީ 2018ވަނަ އަހަރުގެ އޮގަސްޓު މަހުގެތެރޭގައެވެ. މި ޚަބަރާއެކު މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ގެނުވައިފައެވެ.

އަބްދާން ޤުރުއާން ލިޔުއްވި ބިސްތަކުގައި އިތުރު ކުރެހުންތައް ވެސް އަޅާފައި
ސައޫދީ އަރަބިއްޔާގެ ބުރައިދާ ސިޓީއަށް ނިސްބަތްވާ އަޙްމަދު ޢަބްދާނަކީ ޤުރުއާން ހިތުދަސް ބޭފުޅެކެވެ. އެބޭފުޅާއަކީ އަތުލިޔުމާއި ކެލްގަރަފީގެ ހުނަރުގައި ކުރިއަރާފައި ވެސް ހުންނެވި ބޭފުޅެކެވެ. އެބޭފުޅާ އެ މަސައްކަތް ކުރަށްވަނީ ވަރަށް ބޮޑު ޝައުޤެއް އެ ކަމަށް ހުންނާތީއެވެ.

ހަ ކުކުޅު ބިހުގައި ކީރިތި ޤުރުއާނުގެ 114 ސޫރަތް ލިޔުއްވުމުގެ އާދަޔާ ޚިލާފު ރިކޯޑު ޤާއިމުކުރެއްވިއިރު، ލިޔުމުގެ މަސައްކަތްޕުޅުގައި އެބޭފުޅާ އުޅުއްވާތާ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ވެދާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މުޅި ކީރިތި ޤުރުއާން އެއްކޮށް ލިޔެފައިވާ ހަ ބިސް ބަރިއަކަށް އަތުރާފައިހަ ބިހުގައި މުޅި ޤުރުއާން އެއްކޮށް ލިޔުއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަކުރު ވަރަށް ކުދިކުދިކޮށް ލިޔެގެން މެނުވީ އެ ކަން ކާމިޔާބެއް ނުވާނެއެވެ. އަދި އެ ބިސްތަކުގައި ލިޔެފައިވާ އެއްޗެއް ކިޔޭނީ ވެސް ބޮޑުވާ ބިއްލޫރި ފަދަ އެއްޗެއްގެ ބޭނުން ކޮށްގެންކަން ޔަޤީނެވެ.

މި ކަވި މަސައްކަތް، އަބްދާން ކުރައްވައިފައި ވަނީ ކޮޅަށް ހުންނަވައިގެންނެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދާން ވިދާޅުވީ އިށީނދެއިންނަވައި އެހާ ކުދިކުދިކޮށް އަކުރު ލިޔުއްވަން އުނދަގޫފުޅު ކަމަށެވެ. އެހެންކަމުން ބިސްތަކުގައި ލިޔުއްވި ކޮންމެ އަކުރެއް އަބްދާން ލިޔުއްވައިފައިވަނީ މުޅިން ވެސް ކޮޅަށް ހުންނަވައިގެން ކަމަށް އެބޭފުޅާ މީޑީއާތަކަށް ނަވީ ވިދާޅުވެފައެވެ.

ކީރިތި ޤުއުއާން ލިޔެފައިހުރި ބިސްތައް
70 އަހަރުގެ ބޭފުޅަކަށް މިވަރުގެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވޭނީ އެ ކަމަށް ނުހަނު ވަރުގަދަ ލޯތްބަކާއި ޝައުގުވެރިކަމެއް ހުންނަވާތީއެވެ.

އިސްލާމްދީނަށް ޚިދުމަތް ކުރުމަށް ވަކި އުމުރެއް ނޯންނާނެކަމުގެ ރިވެތި ނަމޫނާ ޢަބަދާން މިވަނީ ދައްކަވައިދެއްވައިފައެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މި ނަމޫނާއިން ޢިބުރަތް ލިބިގަތުން ރަނގަޅެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ހުނަރެއް ނުވަތަ ކުޅަދާނަކަމެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން އިސްލާމްދީން މަތިވެރި ކުރުމަށް ކުރެވޭނެ މަސައްކަތްތައް ހޯދަންވީއެވެ. އެފަދަ ކަމެއް އެނގިއްޖެއްޔާ އަމަލީ މަސައްކަތް ފަށައިގަންނަން އަވަސްވެގަންނަމާ ހިނގާށެވެ!

comment ކޮމެންޓް