ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭނެ ޕޭޕަލް ޚިދުމަތް، އެ ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން ބުނީ، ޕޭޕަލް ޚިދުމަތް ދިނުމަށްޓަކައި އެ ކުންފުންޏާއެކު ހަދާ ޕާޓްނާޝިޕްގެ ތަފުސީލް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، އަންނަ އަހަރު ތައާރަފު ކުރަން ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ.

މިނިސްޓަރު ސައީދު، އުރީދުއާއި ޕޭޕަލްގެ ބޭފުޅުންނާއެކު: ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރާނީ އަންނަ އަހަރު ކަމަށް ކުންފުނިން ބުނޭ -- ފޮޓޯ/ އުރީދޫ
އެކަމާ ގުޅޭ ގޮތުން، އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ރާއްޖެ ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރުގެ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނާޝިޕާއެކު ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާ ލިންކް ވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، އުރީދޫގެ ޕާޓްނާޝިޕާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުން،" އޭނާ ވިދާޅުވިއެވެ.
"މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ."
އުރީދޫން ވަނީ، ޕޭޕަލް ތައާރަފު ކުރުމަކީ ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ހެދުމަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.