ޗައިނާގެ ބައެއް ކަމަށް އެ ގައުމުން ދައުވާކުރާ, ޓައިވާނުގެ ނަން ނުބައިކޮށް ލިޔެފައިވާތީ، 60،000 ޗާޓު ޗައިނާގެ ކަސްޓަމްސްއިން އަތުލައިފިއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ އެ މެޕްތަކުގައި "ޓައިވާން ޕްރޮވިންސް" ގެ ލޭބަލް އޮޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އޮޅުވާލާފައި ވަނީ ކިހިނެއްކަމެއް ސާފުކޮށްދީފައެއްނުވެއެވެ.
އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ޗާޓުތަކުގައި ދެކުނު ޗައިނާގެ މުހިންމު ޖަޒީރާ ރަށެއްވެސް ވަނީ އުނިކޮށްފައެވެ.
އެކްސްޕޯޓް ކުރުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެ ޗާޓުތަކަކީ ޗައިނާގެ ގައުމީ އެއްބައިވަންތަކަމާއި އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ނުރައްކާވާތީ އެކްސްޕޯޓުނުކުރެވޭނެ ޗާޓުތަކެއް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ގާތްގަނޑަކަށް މުޅި ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ބެއިޖިން އިން ދައުވާ ކުރާ ނުވަ ޑޭޝް ލައިން ވެސް ޗާޓްތަކުގައި ނެތް ކަމަށް ޗައިނާ ކަސްޓަމްސް އިން ބުނެއެވެ.
އަތުލައިގަތް ޗާޓުތަކުގައި ޗައިނާ އާއި ޖަޕާނާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ފާހަގަކޮށްފައި ނުވާ ކަމަށްވެސް ެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޗައިނާގެ މަދަނީ ހަނގުރާމަ 1949 ވަނަ އަހަރު ނިމުނު ފަހުން ޗައިނާ އާއި ޓައިވާނުގައި އޮންނަނީ ވަކި ދެ ސަރުކާރެކެވެ.
ދެކުނު ޗައިނާ ކަނޑުގައި ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގައެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައިވެސް ފިލިޕީންސްގެ ބޯތުތަކެއްގެ މައްސަލައިގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ.
ޗައިނާގެ ބޯޓެއް ގަސްދުގައި ފިލިޕީންސް ސަރުކާރުގެ އުޅަނދަކަށް ފެން ޖަހައި ފޮނުވާލި ކަމަށް އެ ގައުމުން ތުހުމަތު ކުރެއެވެ.
ނަމަވެސް ޗައިނާއިން އިން ބުނީ މިހާދިސާ ހިނގީ ފިލިޕީންސްގެ އުޅަނދު ތަކުރާރުކޮށް ދޭ އިންޒާރުތަކަށް އަޅާނުލާ ޗައިނާގެ ބޯޓާ ނުރައްކާތެރި ގޮތެއްގައި ގާތް ވުމުން ކަމަށެވެ.