މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރޭ ދަންވަރު ވަނީ ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެފައެވެ. މި ހާދިސާގައި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.
ރައީސް ވަނީ ގެއްލުނު ދެ މީހުން ހެޔޮ ހާލުގައި ތިއްބައި ފެނުމަށް އެދި ދުއާކުރައްވާފައެވެ. ޖުމުލަ ހަތް މީހުން ދަތުރުކުރި އެ ކޮޅުވެއްޓިން މިހާތަނަށް ސަލާމާތްވީ ހަތަރު މީހުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެކަކު މަރުވެފައި އޮއްވާ ފެނުނުއިރު، ބާކީ ދެ މީހުން އަދިވެސް ނުފެނެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފުސާނީ ދަތިތަކަށް އަވަހަށް ޝިފާ ލިބުމަށާއި އާންމު ހާލަތަށް އައުމަށް އެދި ދުއާކުރައްވާ ކަމަށެވެ.
އެ ކޮޅުވެއްޓީގެ ފަޅުވެރިންނަށް ދެވެން އޮތް އެހީތެރިކަމާއި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި ދަތުރުމަތީގައި ހުރިހާ ގޮތަކުން ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ބަންޑުން ޖަހާލި ކޮޅުވެއްޓި މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފް ޑައިވަރުން ހަރަކާތްތެރިވަމުން އަންނައިރު، ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ މި ދުވަސްވަރު ވިއްސާރަ ކުރަމުންނެވެ.
މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.