މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި, އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް ބެެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ބުނެފިއެވެ.
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.
މެޓުން 'ސަން'އަށް ބުނީ، މި ހަފުތާގައި އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. ބައެއް ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، އެ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް އެވަރެޖުކޮށް ވައި ޖެހޭނީ 10 މޭލާއި 20 މޭލު ބާރުމިނުގައި ކަމަށެވެ.
އެ އިދާރާއިން ލަފާކުރި ގޮތުގައި، ވިއްސާރަ ކުޑަކޮށް ވެސް ރަނގަޅުވާން ފަށަނީ އަންނަ ހުކުރުގެ ފަހުންނެވެ.
"މިހާރު މޮޑަލްތައް ދައްކާ ގޮތުން، ހަފުތާއަކަށް [މޫސުން ގޯސް ކަމަށް އެބަ ދައްކާ]. [އަންނަ] ހުކުރުގެ ފަހުން ކުޑަކޮށް ރަނގަޅުވެލާ ކަހަލަ ގޮތަކަށް މިވަގުތު ދައްކަނީ،" މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ވައި ބާރުވާނެ ކަމަށާއި އެ އަތޮޅުތަކަށް 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، އުތުރުގެ އަތޮޅުތަކަށް 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދަށް ރާޅު ހުރިއިރު، ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މޫސުން ގޯސްވެ، މިދިޔަ ހަފުތާގައި ވަނީ ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.
އެއަށްފަހު، ބުރާސްފަތި ދުވަހު ބޯޓެއް ދިޔަވެ، އަޑިއަށް ގޮސްފައިވެއެވެ. އެ ބޯޓުގައި ތިބި މީހުން، އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.
އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ތަކުރާރުކޮށް ވަނީ ހަނދާންކޮށްދީފައެވެ.