ކޮޅުވެއްޓި ބަންޑުން ޖަހާލުން: މަރުވީ ދިވެއްސެއް، ނުފެންނަނީ ދެ ބިދޭސީން

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަނީ: އެ ހާދިސާގައި މަރުވީ ދިވެއްސެއް ކަމަށްވާއިރު، ގެއްލިގެން ހޯދަނީ ދެ ބިދޭސީން ---- ފޮޓޯ/ މެރިން ޕޮލިސް

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ދިވެއްސެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން ކަމަށެވެ. އަދި، ގެއްލިގެން މިހާރު ހޯދަނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން އެންމެ ފުރަތަމަ ގެއްލިގެން ހޯދަން ފެށި، ޝިފާން ހިމެނޭ ގޮތަށް ޖުމުލަ ތިން މީހުންނެވެ. އެގޮތުން، އެމްއެންޑީއެފްގެ ކޯސްޓުގާޑު ޑައިވަރުންނަށް ޝިފާން ފެނުނީ ކަނޑު އަޑިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ.

ކޮޅުވެއްޓި ބަންޑު ޖަހާލި ސަރަހައްދު: މި ހާދިސާގައި މަރުވީ ދިވެއްސެއް ---- ފޮޓޯ/ އެމްއެންޑީއެފް

އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ ހަތް މީހުންނާ އެކު ދަތުރު ކުރަނިކޮށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން ވަނީ، އެ ކޮޅުވެއްޓީގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އަދި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ

މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށް އެދިވަޑައިގެންފައެވެ.

https://sun.mv/212732

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް