ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރި ކުރުމުގެ ތުހުމަތަށް، ހަނިމާދޫން މީހަކު ހައްޔަރުކޮށްފި

ހަނިމާދޫން ހައްޔަރުކުރި މީހާ: ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރި ކުރުމުގެ ތުހުމަތަށް އޭނާ ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހދ. ހަނިމާދޫން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަނުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ހަނިމާދޫން ހައްޔަރުކުރި މީހާ ހުރި ތަނުން ފެނުނު ތަކެތި -- ފޮޓޯ/ ފުލުހުން

އެއީ ހަނިމާދުއަށް ނިސްބަތްވާ، 40 އަހަރުގެ އަހުމަދު އަޒުމީ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އޭނާ ބެލުމުގެ ދަށަށް ގެންދިޔައިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 8.2 ގުރާމް ހުރި ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 1،546 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.



comment ކޮމެންޓް