މިއަދު ހެނދުނު އައްޑޫ ސިޓީ، ހުޅުދޫގެ ފިހާރައަކަށް ވަދެ، ދެ ކިރުދަޅު ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ނޫސްތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ހުޅުދޫގައި ހުންނަ ފިހާރާއެއްގެ ދޮރު މަތާލައިގެން ވަގަށް ވަދެ، ވައްކަންކޮށްފައިވާ ކަމަށެވެ.
މި ވައްކަމުގެ ސީސީޓީވީ ފުޓޭޖު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ފުޓޭޖުގެ ގަޑިން ފެންނަ ގޮތުގައި މި ވައްކަން ހިނގީ ރޭ މެންދަމު 02:49 ހާއިރެވެ. މި މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 07:17 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ފިހާރައިން ވަގަށް ނެގީ، 1800 ގްރާމްގެ ދެ ކިރުދަޅާއި، ޗޮކުލެޓަކާއި، 150 ވަކިލާރިއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ފިހާރައިގެ ބޭރުން ދޮރާ ދިމާލުން ހަރުކޮށްފައިވާ ކެމެރާއަށް ވަނީ އޭނާ ފިހާރަ ކައިރިއަށް އަންނަތަން އަރައިފައެވެ. މަޑު ހިނގުމެއްގައި ފިހާރަކައިރިއަށް އައިސް، ދޮރު ހުޅުވޭތޯ މަސައްކަތް ކުރެއެވެ.
ފިހާރަ ތެރޭ، ކޭޝިއަރާ ދިމާލުން މަތީގައި ހަރުކޮށްފައިވާ ކެމެރާއަށް ވަނީ ވަގަށް ވަތް މީހާ ފިހާރަ ތެރޭ ހަރަކާތްތެރިވާ ތަން އަރައިފައެވެ. އަދި ދެ ކިރު ދަޅު ކިހިލިޖައިގެން، ފިހާރައިން ނިކުންނަ ތަން ވެސް ފެނެއެވެ.
ވައްކަމުގެ މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވާއިރު، ރިހާކުރުފުޅި ފަދަ ކުދިކުދި ތަކެތި ވަގަށް ނަގައިގެން ޝަރީއަތުގައި ސާބިތުވެ، ޖަލު އަދަބު ލިބިފައި އެބަހުއްޓެވެ.