ޔާމީންގެ ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ އިސް ބޭފުޅުން -- ސަން ފޮޓޯ: މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ޖެހުމާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް ބުނެފައެވެ.

އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ރައީސާއި، ދެ ނައިބު ރައީސުންނާއި އަމީންއާންމާއި ރަޖިސްޓްރާއާއި ޚަޒާންދާރުގެ އިތުރުން 14 ސެނެޓު މެންބަރުންނެވެ.

ޕީއެންއެފުން ބުނީ، ދާއިމީ މަގާމުތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ކަމަށެވެ.

ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.

ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް