ބޭންކުން ހުރިހާ ޚަރަދެއް ދޭ ބީއެމްއެލް ސްކޮލާޝިޕަށް ތިން ދަރިވަރަކު ހޮވައިފި

ބޭންކު އޮފް މޯލްޑިވްސްގެ ސްކޮލާޝިޕު ފަންޑު 2025 ގެ ސްކޮލާޝިޕު ދިނުމުގެ ރަސްމިއްޔާތު: މިއަހަރު ބީއެމްއެލް އިން ވަނީ 3 ދަރިވަރުންނަށް ސްކޮލާޝިޕު ދޫކޮށްފައި---ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕު ފަންޑު 2025 ގެ ދަށުން ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުން ހޮވައިފިއެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑާ ގްރެޖުއޭޓު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.

މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ކަމެއް ކަމަށް ވެސް ބީއެމްއެލް އިން ފާހަގަކުރިއެވެ.

މި އަަހަރު މި ސްކޮލަޝިޕަށް ހޮވުނު ތިން ދަރިވަރުންނަކީ މުޙައްމަދު ޢާހިލް އަޙްމަދު, މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީއެވެ.

މި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމުގެ ގޮތުން ބީއެމްއެލްއިން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވަނީ މި އަހަރު ސްކޮލަރޝިޕް ހާސިލުކުރުމުން ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.

އަދި މި ކާމިޔާބީއަކީ އެ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ. މި ފުރުސަތާއެކު ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ޝަރީފް ވިދާޅުވެފައިވެއެވެ.

ބޭންކިން ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ބީއެމްއެލްއިން ސްކޮލާޝިޕް ދެމުން އަންނަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު ނުވަ ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުން ކަމަށް އެ ބޭންކުން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް