ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގެ ރޭސް ކިޓް ހަވާލުކުރަން ދިރާގުން ފަށައިފިއެވެ.
މި އަހަރުގެ ޑީއެމްއާރްއާރް ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ރޭސް ކިޓް ހަވާލުކުރާނެއެވެ. މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، އެކި ގަޑިތަކުގައި ރޭސް ކިޓްތައް ހަވާލުކުރަމުންދާނެއެވެ. އެގޮތުން މިރޭ 8:00 އިން 10:00 އަށް ރޭސް ކިޓް ދޫކުރާނެއެވެ.
މާދަމާއިން ބުދަ ދުވަހުގެ ނިޔަލަށް ރޭސް ކިޓް ހަވާލުކުރާ ގަޑިތަކަކީ:
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށެވެ.
ރޭސް ކިޓް ބަލާ އަންނައިރު، ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މި އަހަރު މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
މި އަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދުވުމާ ގުޅޭ އިތުރު މައުލޫމާތު، ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.