އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލްތައް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް، އަވަސް އަރުވާލައިގެން ބޭއްވުމުގެ ބަދަލުގައި، އެ ސިޓީގެ މައްސަލަތަކަށް ގާނޫނުން ހައްލު ހޯދެން އޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17ގައެވެ.
އެ ވޯޓު އޮންނާނީ މި މަހުގެ 25ގައިކަން އީސީން އިއުލާން ކުރީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ.
އެ ވޯޓާ ގުޅޭ ގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށާއި، ސަރުކާރުން ވޯޓު ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
"އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި. ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
ފައްޔާޒު ވިދާޅުވީ، އައްޑޫގެ ވޯޓުން ނިންމާ ގޮތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކަންކަން ނުކޮށް އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެންއޮތް ކަމަށެވެ.
އެހެންވެ، ރަށްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ހޯދުމަށް ވެސް ވޯޓުގައި ސުވާލުކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ އިތުރުން ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އައްޑޫ ވޯޓު ބާއްވާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޕްރޮޖެކްޓް ތިމާވެށްޓާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައިވަނީ، އެ ވޯޓުގެ ނަތީޖާގެ އަސަރު މުޅި ސިޓީގެ އެންމެންނަށް ކުރާނެ ކަމަށާއި، އެހެންވެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރިނުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އެ ވޯޓާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވަނީ، އެ ވޯޓުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.