ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ބާއްވަމުން އަންނަ "ދަ-ބަންގް: ދަ ޓުއާ ރިލޯޑެޑް"ގެ ޝޯއެއް އަންނަ މަހު ގަތަރުގައި ބާއްވާނެކަން އިއުލާނުކޮށްފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯ އޮންނާނީ އަންނަ މަހުގެ 14 ގައި ދޯހާގެ އޭޝިއަން ޓައުން އެމްޕިތިއޭޓަރުގައެވެ.
މި ފަހަރުގެ "ދަ-ބަންގް ޓުއާ ރިލޯޑެޑް"ގެ ބައިވެރިންގެ ތެރޭ ފިލްމީ ތަރިން ކަމަށްވާ ޖެކްލީން ފެނާންޑެޒް، ސޮނާކްޝީ ސިންހާ، ތަމަންނާ ބާޓިއާ، މަޝްހޫރު ކޮމީޑިއަން/އެކްޓަރު ސުނިލް ގްރޯވާ، މަނީޝް ޕޯލް، ނެށުންތެރިޔާ/ޑައިރެކްޓަރު/އެކްޓަރު ޕްރަބޫދޭވާގެ އިތުރުން ލަވަކިޔުންތެރިޔާ ސްޓެބިން ބެން ހިމެނެއެވެ.
އަންނަ މަހު މި ޝޯ ބާއްވާނެކަން އަމިއްލަ އިންސްޓަގްރާމްގައި އިއުލާނުކުރަމުން ސަލްމާން ވަނީ އެކްޓަރުގެ ޓީމަށް މަރުހަބާ ކިޔުމަށް ގަތަރުގެ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ގަތަރުގެ ދޯހާގައި ބާއްވާ 'ދަ-ބަންގް ޝޯ'ގެ ޕޯސްޓަރެއް އިންސްޓަގްރާމްގައި އިޝްތިހާރުކޮށްފައި--ފޮޓޯ/އެންޑީޓީވީ
ޕީސް ހޯމްސް ޑެވެލޮޕްމަންޓްއިން އިންތިޒާމްކޮށްގެން ބާއްވާ "ދަ-ބަންގް" ޝޯގައި ބޮލީވުޑްގެ މަގުބޫލު ލަވަތަކާއި މިއުޒިކް ހިމެނޭ ގިނަ އައިޓަމްތަކެއް ހުށަހަޅައިދިނުމަށް ވަނީ ނިންމާފައެވެ.
ހަމައެއާއެކު ސަލްމާންގެ ކެރިއަރުގެ އެންމެ މަގުބޫލު ލަވަތަކަށް އެކްޓަރު ޕާފޯމް ކުރާނެއެވެ. މި ޝޯގެ ޓިކެޓުތައް ކިއު-ޓިކެޓްސް މެދުވެރިކޮށް ވިއްކަން ފަށާފައިވާއިރު ޝޯގައި ބައިވެރިވާ ސަލްމާންގެ ޓީމް މެންބަރުންނާ ބައްދަލުކޮށް ފޮޓޯ ނެގުމަށް ޚާއްސަ ޓިކެޓުތައް ވެސް ލިބެން ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު ޚާނުންގެ ތެރޭ ހިމެނޭ ސަލްމާން ޚާންގެ "ދަ-ބަންގް ޓުއާ" ޝޯތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާއްވަމުން އަންނަ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޝޯއެކެވެ.
ފިލްމު "ސިކަންދަރު"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ދަ ބެޓްލް އޮފް ގަލްވާން"ގެ ނަމުގައި އުފައްދާ ފިލްމެކެވެ.