ރޭ ހައްޔަރުކުރި މީހާއަށް ކުރަނީ ސިނގިރޭޓު ވައްކަން ކާމިޔާބުކުރަން އެހީވިކަމުގެ ތުހުމަތު

ސިނގިރޭޓު މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ: އޭނާއަށް ކުރަނީ ވައްކަން ކާމިޔާބުކުރަން އެހީތެރިކަން ދިނުމުގެ ތުހުމަތު -- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފަސް ވަނައަށް ހައްޔަރުކުރި މީހާއަށް ސިނގިރޭޓުތައް ކާމިޔާބުކަމާއެކު ވަގަށް ނަގަން އެހީތެރިކަން ދިންކަމަށް ތުހުމަތުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހެވެ. މި މައްސަލައިގައި މިހާރު ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ފުލުހުން ދެން ހައްޔަރުކުރީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.

އޭނާ ހައްޔަރުކުރިކަން ހާމަކޮށް މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ އާދިއްތަ ދުވަހު ފެނިފައިވާ ކަމަށެވެ.

ޙަސަން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރަން ނިންމީ، 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އޭނާގެ ފަރާތުން ފެންނާތީ ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި އެބަހުރި ކަމަށް ވެސް އެ އަމުރުގައިވެއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.

އޭގެ ތެރެއިން އާއްޓޭއާއި ދިގަލިއަށް ވަނީ، ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި މުއާޒާއި ޒިވާރަށް ވަނީ، އަމަލީ ގޮތުން ރާވައި ހިންގިކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި، މިދިޔަ ބުދަ ދުވަހު އާރިފާއި ޒިވާރަށް 15 ދުވަހުގެ މުއްދަތު ޖެހިއިރު ދިގަލި ވަހީދަށް ވަނީ 10 ދުވަސް ޖަހައިފައެވެ. އަދި މުއާޒަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ވަނީ 10 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް