'ތޭރޭ ނާމް 2' އުފައްދަން ނޫޅޭ ކަމަށް ސާޖިދު ބުނެފި

ފިލްމު "ތޭރޭ ނާމް"ގެ މަންޒަރެއްގައި ސަލްމާން އާއި ބޫމިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ލޯބީގެ ފިލްމު "ތޭރޭ ނާމް"ގެ ދެވަނަ ބައެއް އުފައްދަން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސާޖިދު ވަނީ ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު "ތޭރޭ ނާމް"ގެ ކޮޕީ ރައިޓްސް އެ ފިލްމު ގެނެސްދިން އޯރިއަން ޕިކްޗާސްއިން ގަންނަން ވެސް ނިންމާފައެވެ.

ނަމަވެސް, ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސާޖިދަކީ އަބަދު ވެސް އަމިއްލަ ފްރެންޗައިސްތައް ފުޅާކޮށް ފިލްމު އުފެއްދުމަށް ޝައުގުވެރިވާ މީހެކެވެ.

ސަލްމާން ޚާން އަދި ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ--ފޮޓޯ/ބޮލީވުޑްހަންގާމާ

އެހެންވެ, ސަލްމާން ޚާން ހިމަނައިގެން ފިލްމު "ތޭރޭ ނާމް 2" އުފައްދަން އުޅޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ވާހަކައެއް ނޫން ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުގައި ސާޖިދު ބުނެފައިވަނީ އޭނާގެ ދަރިފުޅު ޝަޝާންކް ހަތާން ފިލްމު ޑައިރެކްޝަނަށް ތައާރަފުކުރަން ބޭނުންވަނީ ފިލްމު "ތޭރޭ ނާމް" ކަހަލަ ފިލްމަކުން ކަމަށެވެ.

އެހެންވެ، ބައެއް މީޑިއާތަކުން އުއްމީދުކުރީ ސާޖިދުގެ ކުންފުނިން ސަލްމާނާ އެކު އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ސާޖިދު ދެކޭގޮތުގައި ފިލްމު "ތޭރޭ ނާމް" އަކީ އެހާ ފަސޭހައި އޭގެ ސީކުއަލްއެއް އުފެއްދޭނެ ކަހަލަ ފިލްމެއް ނޫނެވެ. އެއީ އެއަށް ވުރެ މާހިތްގައިމު ފިލްމެއް ކަމަށާއި ނަމަވެސް ސަލްމާންއާ އެކު ސާޖިދު އުފައްދަން ނިންމާފައިވާ އެއްވެސް ފިލްމެއްގެ ތެރޭ "ތޭރޭ ނާމް 2" ނުހިމެނޭ ކަމަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ސަލްމާން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ ސާޖިދުގެ ކުންފުނިން ގެނެސްދިން ފިލްމު "ސިކަންދަރު"އިންނެވެ.

comment ކޮމެންޓް