ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި، ކޮންޓެއިނަރުތައް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި މީގެ ކުރިން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނައަށް ކުރާ ތުހުމަތާ ގުޅޭ އިތުރު މައުލޫމާތެއް އެ މުއައްސަސާއިން ނުދެއެވެ.
އެހެންނަމަވެސް، އެ މީހާގެ ބަންދު އަމުރުގައި ވަނީ، ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި އޭނާއަކީ ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓާފައި، ޕޯޓްސް ކުންފުނި އެމްޕީއެލްގެ ހަވާލުގައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހު ނުވައެއްގައެވެ.
ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ އާދިއްތަ ދުވަހު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހަތަރު މީހުން ހައްޔަރުކުރީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގައެވެ. އެއީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލެވެ.
އޭގެ ތެރެއިން އާއްޓޭއާއި ދިގަލިއަށް ވަނީ، ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި މުއާޒާއި ޒިވާރަށް ވަނީ، އަމަލީ ގޮތުން ރާވައި ހިންގިކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.