އައްޑޫ ސިޓީ ފޭދޫ، މީީދޫ އަދި ހުޅުދޫގައި ވަކިވަކި ކައުންސިލުތައް އުފެއްދުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓާ ގުޅޭގޮތުން ކެމްޕޭން ކުރުން މަނާވެއްޖެއެވެ.
މާދަމާ ހެނދުނު 08:00 ޖަހާއިރު ފަށާ، މި ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭން ކުރުން އިރުއޮއްސި 06:00 ޖެހުމާއެކު ވަނީ މަނާވެފައެވެ.
މިއީ އެހެނިހެން އިންތިޚާބުތަކުގައި ވެސް އަމަލުކުރާ އުސޫލުން، ވޯޓަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ޓަކައި އަޅާ ފިޔަވަޅެކެވެ.
ކެމްޕޭން މަނާވުމާއެކު، ޓީވީތަކާއި، ސޯޝަލް މީޑިއާގެ މަންސަތަކާއި، އާންމު ތަންތަނުގައި މި ވޯޓުގައި ވަކި ކަމަކަށް ތާއީދުކުރަން ނުވަތަ ނުކުރަން ގޮވައިލައި ވެސް އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާވާނެއެވެ.
މާދަމާ ހެނދުނު 08:00 ޖަހާއިރު ވޯޓުލުން ފެށުމަށްފަހު، ނިންމައިލާނީ ހަވީރު 04:00ގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:
- ފޭދޫއިން 4،355 މީހުން
- ހުޅުދޫން 2،874 މީހުން
- މީދޫން 2،347 މީހުން
ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށަކުން ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.